Advertisement

ތެލުގެ އަގު އިތުރަށް އުފުލޭނަމަ އާންމު ރައްޔިތުންގެ ވޮލެޓު ހުލިވާނެ: އަމްރު

17 ޖޫން 2025 - 10:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު: ތެލުގެ އަގު އިތުރަށް އުފުލޭނަމަ ދިވެހިންގެ ވޮލެޓު ހުލިވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް


ތެލުގެ އަގު އިތުރަށް އުފުލޭނަމަ އާންމު ރައްޔިތުންގެ ވޮލެޓު ހުލިވާނެ: އަމްރު

17 ޖޫން 2025 - 10:36 0

ދުނިޔެގޭ ތެލުގެ ސަޕްލައިގެ ބޮޑުބައެއް ހިއްސާކުރާ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ތެލުގެ އިތުރަށް ބޮޑުވާނަމަ، ދިވެހިންގެ ވޮލެޓު ހުލިވާނެ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަދަދު އަށް ލިޔުއްވި ރިޕޯޓެއްގައި އަމްރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު ވެސް މި ހިފަހައްޓަމުންދަނީ ހިމަ ވާފަށަކުން ކަމަށްވާއިރު، ތަކެތީގެ އަގު ބޮޑުވުމުން ރައްޔިތުން ތަހައްމަލުކުރާނެ އަސަރުތަކުގެ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރާނެ މާގިނަ ގޮތްތަކެއް ނެތް ކަމަށެވެ.

"ތެލުގެ އަގު އުފުލުން ވެގެންދާނީ ދަތުރުފަތުރާ, ކަރަންޓު ބިލާއި އެހެނިހެން ކާބޯތަކެއްޗަށް ކުރަންޖެހޭ ހޭދަވެސް އިތުރުވެގެންދާނެ ކަމަކަށް. އާދައިގެ ބަހުރުވަޔަކުން ދަންނަވާނަމަ ދުވަހުގެ ހަރަދުބަރަދަށް ގޮސް ވޮލެޓު ހުލިވާނެ،" އޭނާ ވިދާޅުވި އެވެ.

އަމްރު އިތުރަށް ވިދާޅުވި ގޮތުގައި މަތިންދާބޯޓާއި, ފެރީތަކާއި, އިންޖީނުތައް ހިންގުމަށް ޑީސެލާއި ޕްޓްރޯލާއި ކަރާސީނު އެތެރެ ކުރުމަށް މިދިޔަ އަހަރު އެކަނިވެސް 700 މިލިއަން ޑޮލަރު ހަރަދު ކުރިއިރު، އެ އަހަރު ދައުލަތުގެ އާމްދަނީއަކީ އެންމެ 1.1 ބިލިއަން ޑޮލަރު ކަމަށެވެ.

ގައުމަށް ވަންނަ ޑޮލަރުގެ ބޮޑު ނިސްބަތެއް ލިބޭ ފަތުރުވެރިކަމުގެ ސިނާއަތްވެސް ތެލުގެ އަގު އުފުލުމާއެކު ނުރައްކަލަށް ދާނެކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ އަގު ބޮޑުވުމާއި, ދުނިޔޭގެ އިންފްލޭޝަނާހުރެ, ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް ރާއްޖޭގައި ހޭދަކުރާ ރޭގެ ނިސްބަތް މަދުވުމަކީ ސިނާއަތަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.

"ފަތުރުވެރިން އަންނަ ނިސްބަތް އެއްވެސް ގޮތަކުން ދަށްވެއްޖެނަމަ ޑޮލަރު ވަންނަ ނިސްބަތް އިތުރަށް ދަށްވެ މިހާރުވެސް ހީނަރުވެފައި އޮތް އިގްތިސާދަށް އިތުރު ނިކަމެތިކަން އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 ޕަސަންޓާއި ގާތްކުރާ އަދަދެއްގެ ތެޔޮ ހިފައިގެން ދަތުރުކުރާ ހޮރުމޫޒު ކަނޑު އޮޅި ބަންދުކުރާނެ ކަމަށް އިރާނުން ބުނުމަކީ ރާއްޖެފަދަ ގައުމުތަކަށް އަސާސީ ކަންކަމަށް ބޭނުންވާ ތެލަށް ހޭދަކުރަން ކުރިމަތިވާނެ އިތުރު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އަމްރު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ދިގުލައިގެންދާނަމަ، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލޭނެ ކަމަށެވެ.

ކޮވިޑް-19 އިން ރާއްޖެއަށް ކުރިމަތިވި މުސީބާތާއި ގޮންޖެހުންތަކުން އަރައިގަނެވުނީ ދުރާލައި އެޅި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ކަމަށް އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު އާއްމުން ހިތްހަމަޖައްސައިދިނުމަށް އަސްލެއްނެތް ވާހަކަ ދެއްކުމުގެ ބަދަލުގައި އުނދަގޫ އެހެނަސް ހަގީގީ މައްސަލައަށް ވާހަކަދައްކައި، ވަގުތުން މައުލޫމާތު ދިނުން އިސްކޮށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަން ޖެހޭ ކަމަށެވެ.