13 ޖޫން 2025 - 08:49 0
އަހުމަދު އާއިދު
13 ޖޫން 2025 - 08:49 0
ފްރޭންކްފަޓް (ޖޫން 13) - ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އަންނަ ފްރާމްސްގެ ފޯވާޑް، ހޫގޯ އެކިޓީކޭ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ސްކައި ސްޕޯޓްސް ޖާމަނީ އިން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެކިޓީކޭ ގަތުމަށް ޔުނައިޓެޑުގެ އިތުރުން ޗެލްސީ އަދި އިނިގިރޭސި ޗެމްޕިއަން ލިވަޕޫލުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އެކިޓީކޭ، 22، މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގައި ކުޅެފައިވަނީ 33 މެޗެވެ. އެ މެޗުތަކުގައި އޭނާ ވަނީ 15 ގޯލު ޖަހައިދީ އަށް އެސިސްޓު ކޮށްދީފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެކިޓީކޭ ގަތުމުގެ މުއާމަލާތާ ގުޅޭ ތަފްސީލުތަކަށް މިދިޔަ 48 ގަޑިއިރުގެ ތެރޭގައި ޔުނައިޓެޑުން ވަނީ އެދިފަ އެވެ. ފްރޭންފާޓް އިން އޭނާ އަގުކުރަނީ 115 މިލިއަން ޑޮލަރަށެވެ. ފްރާންސްގެ ރެއިމްސް އިން ވިދާލި އެކިޓީކޭ ވަނީ މީގެ ކުރިން ޕީއެސްޖީ އަށް ވެސް ކުޅެފަ އެވެ.
ޔުނައިޓެޑުން ދަނީ ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝް ގަތުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ސްޕޯޓިން އާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައިވާ ރިލީޒް ފީ އަކީ 100 މިލިއަން ޑޮލަރެވެ.
މި ފަހުން ޗެލްސީ އާ ގުޅުނު އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕް ގަތުމަށް ވެސް ޔުނައިޓެޑުން މަސައްކަތް ކުރި އެވެ. ނަމަވެސް، އޭނާ ޗެލްސީއަށް ދާން ނިންމީ ޗެމްޕިއަން ލީގު ކުޅުމަށް ބޭނުންވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަންނަ ސީޒަނުގައި ޔުނައިޓެޑުން ޔޫރަޕުގެ އެއްވެސް މުބާރާތެއް ނުކުޅޭނެ އެވެ. ޕްރިމިއާ ލީގުގެ 15 ވަނައިގައި ނިންމާލި ޔުނައިޓެޑަށް މިދިޔަ ސީޒަނަކީ މި ފަހުގެ ތާރީހުގައި އެ ކްލަބުން ދުށް އެންމެ ދަށް ސީޒަނެވެ.
Comment