13 ޖޫން 2025 - 08:53 0
13 ޖޫން 2025 - 08:53 0
ޒިއުރިކް، ސްވިޒަލެންޑް (ޖޫން 13) - އެމެރިކާގައި މާދަމާ ފަށަން ނިންމާފައިވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި، މުޅިން އަލަށް ރެފްރީން ބޭނުންކުރަން ނިންމާފައިވާ، "ބޮޑީ ކޭމް" އިން މެޗުގެ މަސްރަހު ހޫނުވާ މަންޒަރު ނުދައްކާނެ ކަމަށް ފީފާގެ ރެފްރީސް ކޮމިޓީގެ ޗެއާމަން، އިޓަލީގެ ލެޖެންޑަރީ ރެފްރީ، ޕިއެރްލުއިޖީ ކޮލީނާ ވިދާޅުވެއްޖެ އެވެ.
ފީފާ އިން ވަނީ، ކްލަބް ވޯލްޑް ކަޕްގެ މެޗުގައި، ރެފްރީގެ ގައިގައި ހަރުކޮށްފައި ހުންނަ "ބޮޑީ ކޭމް" މެދުވެރިކޮށް، ބްރޮޑްކާސްޓަރުންނަށް ގޯލާއި ސޭވްތަކުގެ އެކި އޭންގަލްތަކާއި މެޗުގެ ގުރުއަތުލުމާއި އެހެނިހެން ޝައުގުވެރި މަންޒަރުތައް ސަޕޯޓަރުންނަށް ދައްކަން ނިންމައިފަ އެވެ. އެކަމަކު، ފައުލުތަކާއި ޕެނަލްޓީ ދޭ ބޯޅަތައް މި ވަގުތު ނުދައްކަން ފީފާ އިން ވަނީ ނިންމައިފަ އެެވެ.
"ހާއްސަ މަގުސަދަކީ ޓީވީން މެޗު ބަލާ ފަރާތްތަކަށް އާ އޭންގަލްތަކެއް ދައްކައި، މެޗުތައް ޝައުގުވެރިކުރުން. އެކަމަކު، މެޗުގެ މަސްރަހަށް ބަދަލުތަކެއް ގެނުވާ ފަދަ ވީޑިއޯތައް އަދި ނުދައްކާނެ. ފަހަރުގައި ކުރިއަށް އޮތްތަނުގައި އެކަން ވެސް ބަދަލުވުން އެކަށީގެންވޭ،" ކޮލީނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ދަނޑުގެ، އަރިމަތީގައި ހުންނަ މޮނީޓަރުން، ރެފްރީން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ނިންމުން ބަލާ ވީޑިއޯތައް ދަނޑުގެ ބޮޑު ސްކްރީނުގައި ދެއްކުމަށް ނިންމާފައިވާ ކަމަށް ވެސް ފީފާ އިން ވަނީ ބުނެފަ އެވެ. އަދި، ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ އަށް އާޓިފިޝަލް އިންޓެލިޖަންސް (އޭއާއި)ގެ އެހީތެރިކަން ހޯދައި، 16 ކެމެރާ އޭންގަލް މެދުވެރިކޮށް، ރެފްރީންނަށް އޮފްސައިޑްގެ ނިންމުން ފޮނުވުމުގެ ގާބިލުކަން މިހާރު ލިބިފައިވާއިރު، ކްލަބް ވޯލްޑް ކަޕްގައި އެކަން ވެސް ޓެސްޓް ކުރާނެ އެވެ.
ކުޅުމުގެ ގަވާއިދަށް ބަލާއިރު، ގޯލްކީޕަރުން ބޯޅަ ނަގާތާ އަށް ސިކުންތު ތެރޭގައި ފޮނުވާލަން ލާޒިމްކުރާ ގަވާއިދު ވެސް މި ފަހަރުގެ މުބާރާތުގައި ހިނގާނެ އެވެ. ކުރިން، ހަ ސިކުންތުން ބޯޅަ ރިލީސްނުކުރެވިއްޖެނަމަ. އިދިކޮޅު ޓީމަށް ނުދީސާ ޖެހުމެއް ލިބެ އެވެ. އެކަމަކު، ގަވާއިދު ބަދަލުވާ ގޮތުން، އަށް ސިކުންތުގެ ތެރޭގައި ބޯޅަ ރިލީސްނުކޮށްފިނަމަ، އިދިކޮޅު ޓީމަށް ލިބޭނީ ކޯނަރެކެވެ.
Comment