Advertisement

ވިދިވިދިގެން ފަސް ވަނަ އަހަރު އައިލެންޑް އޭވިއޭޝަނަށް ގެއްލުން

12 ޖޫން 2025 - 15:47 2

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓު ވީއައިއޭގެ އޭޕްރަންގައި: އައިލެންޑް އޭވިއޭޝަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެތެރޭގެ އުދުހުންތަކުން -- ފޮޓޯ: އެމްއޭސީއެލް


ވިދިވިދިގެން ފަސް ވަނަ އަހަރު އައިލެންޑް އޭވިއޭޝަނަށް ގެއްލުން

12 ޖޫން 2025 - 15:47 2

ގައުމީ އެއާލައިން މޯލްޑިވިއަން އާއި ބައެއް އެއާޕޯޓުތައް އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް މިދިޔަ އަހަރު ތިން މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ،

އޮޑިޓާ ޖެނެރަލް އޮފީހުން އޮޑިޓު ކުރުމަށް ފަހު އާންމުކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ނިމުނު އަހަރު އާމްދަނީއަށް ލިބުނީ 2.2 ބިލިއަން ރުފިޔާ އެވެ.

އައިއޭއެސްއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓަކީ އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކުންނާއި ސީޕްލޭން ދަތުރުތަކުންނެވެ.

މިދިޔަ އަހަރު ލިބުނު އާމްދަނީން ހިންގުމުގެ ހަރަދުތައް ކެނޑުމަށް ފަހު އައިއޭއެސްގެ ހިންގުމުގެ ފައިދާއަށް 171 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް ފައިނޭންސިން ހަރަދަށް ހިނގި 171 މިލިއަން ރުފިޔާ އާއި އެހެނިހެން ހަރަަދުތަކަށް ކެނޑުމުން، އެ ކުންފުންޏަށް ވަނީ 2.8 މިލިއަން ރުފިޔާ ގެއްލުން ވެފަ އެވެ.

އައިއޭއެސްގެ މާލީ ހާލަތު

  • 2024 - 2.8 މިލިއަން ރުފިޔާ ގެއްލުން
  • 2023 - 75 މިލިއަން ރުފިޔާ ގެއްލުން
  • 2022 - 493 މިލިއަން ރުފިޔާ ގެއްލުން
  • 2021 - 647 މިލިއަން ރުފިޔާ ގެއްލުން
  • 2020- 570 މިލިއަން ރުފިޔާ ގެއްލުން
  • 2019 - 93 މިލިއަން ރުފިޔާ ފައިދާ
  • 2018 - 98 މިލިއަން ރުފިޔާ ފައިދާ
  • 2017 - 155 މިލިއަން ރުފިޔާ ފައިދާ
  • 2016 - 175 މިލިއަން ރުފިޔާ ފައިދާ
  • 2015 - 147 މިލިއަން ރުފިޔާ ފައިދާ
  • 2014 - 18 މިލިއަން ރުފިޔާ ފައިދާ

މިދިޔަ އަހަރަކީ އައިއޭއެސްއަށް ވިދިވިދިގެން ގެއްލުންވީ ފަސް ވަނަ އަހަރެވެ. އެކަމަކު ގެއްލުންވީ އެހެން އަހަރުތަކުގައި ލިބުނު ގެއްލުމަށް ވުރެ މިދިޔަ އަހަރު ގެއްލުންވީ ވަރު ވަނީ ވަރަށް ބޮޑު ތަން ކުޑަކުރެވިފަ އެވެ.

އައިއޭއެސް އުފެދިގެން މިވީ 25 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު ގެއްލުން އެއްކޮށްލުމުން 1.7 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މި ގެއްލުމުގެ ބޮޑު އިންސައްތައަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު ގެއްލުމެވެ. އޭގެ ތެރެއިން ވެސް 90 ޕަސެންޓު ގެއްލުމަކީ ކޮވިޑު ބަލިމަޑުކަން ލައިގަތް 2020 އިން ފެށިގެން 2022 ގެ ނިޔަލަށް ލިބުނު ގެއްލުމެވެ.

އައިލެންޑް އޭވިއޭޝަނުން އަންނަނީ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓުތައް ކުރަމުންނެވެ. އޭގެ ތެރޭގައި ކުރިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރަމުން އައި ޑޭޝް ފްލައިޓުތައް އޭޓީއާރު ފްލައިޓުތަކަށް ބަދަލުކުރުމާއި ވައިޑް ބޮޑީ މަތިންދާބޯޓުތަކާއެކީ ބައިނަލްއަގުވާމީ މަންޒިލުތަކަށް ކުރާ ދަތުރުތައް އިތުރުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.