Advertisement

242 ފަސިންޖަރުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

12 ޖޫން 2025 - 14:31 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިންޑިއާގެ މަތިންދާބޯޓު ވެއްޓިފައި އޮތް ސަރަހައްދު ފެންނަ ފޮޓޯއެއް: ފޮޓޯ: ޓައިމްސް އޮފް އިންޑިއާ


242 ފަސިންޖަރުންނާއެކު ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

12 ޖޫން 2025 - 14:31 0

242 މީހުންނާއެކު އިންޑިއާގެ އަހުމަދުއާބާދުން ލަންޑަންގެ ގެޓްވިކްއަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ ބޮއިންގް 787 މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި އެ މަތިންދާބޯޓު ވެއްޓުނީ އިންޑިއާގެ އަހުމަދުއާބާދުގެ ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ބޯޓު ވެއްޓުނީ 600 ފޫޓަށް މައްޗަށް އެރިތަނާ ކަޅު ދުންގަނޑެއް އެރުމަށްފަހު އެވެ. ބޯޓު ވެއްޓިފައި ވަނީ އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ މޭގާނީ ސަރަހައްދަށެވެ.

އެ ބޯޓު ވެއްޓުނުއިރު، 230 ފަސިންޖަރުންނާއި ދެ ޕައިލެޓުގެ އިތުރުން 10 ކެބިން ކްރޫއިން ބޯޓުގައި ތިބި ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުގެ ޑިރެކްޓެރޭޓު ޖެނެރަލްއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވެ އެވެ. އޭގެތެރެއިން އެއްވެސް މީހަކު ސަލާމަތްވި ކަމެއް އަދި ނޭނގެ އެވެ.

ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓު. މިއީ 2014 ވަނަ އަހަރު އެ އެއާލައިނަށް އެމެރިކާގެ ބޮއިން ކުންފިން ޑެލިވާ ކުރި ބޯޓެއް


ވެއްޓުނު ބޮއިންގް 787 ޑްރީމްލައިނާ މަތިންދާބޯޓަކީ 11 އަހަރުވެފައިވާ ބޯޓެކެވެ. އެ ބޯޓު ސަރްދާރު ވައްލައްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓައިލީ ދުރު ދަތުރެއް ކުރުމަށް ކަމަށް ވާތީ އެއްކޮށް ފިއުލް ކޮށްގެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބޯޓުން އެރި ދުންގަނޑާއެކު އެހައި އަވަހަށް ރޯވެ މުޅި ބޯޓުގައި ހުޅުހިފުމާއި ވެއްޓުނު ސަރަހައްދުގައި އެހައި ބޮޑަށް އަލިފާން ރޯވި ސަބަބަކީ އެއީ ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

ބޯޓު ވެއްޓުނު ސަރަހައްދުގައި އިންޑިއާގެ އަލިފާން ނިވާ މީހުންނާއި ސިއްހީ ހިދުމަތްތެރިން މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަނާއި ބޯއިންގް ކުންފުނީގެ ޓެކްނީޝަނުން ގުޅިގެން އެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގެއް ހިންގުމަށް މިހާރު ވަނީ ނިންމައިފަ އެވެ.