Advertisement

ސިޓީން ކްލަބް ވޯލްޑް ކަޕަށް ނެގި ސްކޮޑުން ގްރީލިޝް ބާކީކޮށްފި

12 ޖޫން 2025 - 09:15 0


ސިޓީން ކްލަބް ވޯލްޑް ކަޕަށް ނެގި ސްކޮޑުން ގްރީލިޝް ބާކީކޮށްފި

12 ޖޫން 2025 - 09:15 0

މެންޗެސްޓާ (ޖޫން 12) - މި މަހު އެެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕަށް މެންޗެސްޓާ ސިޓީން ނެގި ސްކޮޑުން އެ ކްލަބުން ބޮޑު އަގުގައި ގަނެފައިވާ، އިނގިރޭސި މިޑްފީލްޑަރު، ޖެކް ގްރީލިޝް ބާކީކޮށްފި އެވެ.

ގްރީލިޝް، 29، މީގެ ހަތަރު އަަހަރުކުރިން، 2021 ވަނަ އަހަރު ސިޓީ އަށް ބަދަލުވީ، އޭރު އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގަ އެވެ. އެ ގޮތުން، ސިޓީން ގްރީލިޝް ގަތީ 100 މިލިއަން ޕައުންޑް (140 މިިލިއަން ޑޮލަރު)ގެ ފީއެއް އެސްޓަން ވިލާ އަށް ދައްކައިފަ އެވެ.

ސިޓީގައި އެއް ފެންވަރެއްގައި ރަނގަޅު ކުޅުމެއް ދައްކަން ގްރީލިޝް އަށް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭއިރު، އޭނާ އަށް އަނިޔާގެ ގިނަ މައްސަލަތަކެއް މިދިޔަ ސީޒަންތަކުގައި ވަނީ ކުރިމަތިވެފަ އެވެ. މި ސީޒަނުގައި، ގްރީލިޝް އަށް ކުޅެލަން ލިބުނު 32 މެޗުގައި ތިން ގޯލު ޖެހުނުއިރު، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ކްލަބް ވޯލްޑް ކަޕް ސްކޮޑުގައި، 35 ކުޅުންތެރިން ހިމަނަން ފުރުސަތު އޮތް ނަމަވެސް، ސިޓީން ރަޖިސްޓްރީ ކުރީ 27 ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ތެރެއިން ގްރީލިޝް އާއި ކައިލް ވޯކާ އަށް ވެސް ފުރުސަތު ނުދޭން، ޕެޕް ގާޑިއޯލާ ވަނީ ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ސިޓީ ދޫކޮށްލަން ގްރީލިޝް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ސިޓީން ވަނީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، އެ ޓީމާ ގުޅުނު، ވުލްވްސްގެ ވާތުބެކް، ރަޔާން އައިތު ނޫރީ އާއި ލިޔޯންގެ ވިންގް، ރަޔާން ޗާކީ އަދި ނެދަލެންޑްސްގެ މިޑްފީލްޑަރު، ޓިޖާނީ ރައިންޑާސްގެ އިތުރުން، ޗެލްސީ ދޫކޮށް އެ ޓީމަށް ބަދަލުވި، ގޯލްކީޕަރު، މާކަސް ބެޓިނެލީ އަށް ކްލަބް ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ދީފަ އެވެ. ސިޓީން މި ހަތަރު ކުޅުންތެރިންނަށް، 130 މިލިއަން ޑޮލަރުގެ ހޭދައެއް ކުރެ އެވެ.

ކްލަބް ވޯލްޑް ކަޕްގައި ސިޓީ ހިމެނެނީ، އިޓަލީގެ ޔުވެންޓަސް އާއި މޮރޮކޯގެ ވައިދާދް އޭސީ އަދި، ޔޫއޭއީގެ އަލް އައިންއާ އެއް ގްރޫޕެއްގަ އެެވެ. ފުރަތަމަ މެޗުގައި، މި މަހު 18 ވަނަ ދުވަހު ސިޓީން ކުޅޭނީ ވައިދާދްއާ އެވެ.