Advertisement

ހޯރަފުށި ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެމްޑީޕީން ށްވެރިކޮށްފި

11 ޖޫން 2025 - 20:14 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހޯރަފުށި ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެމްޑީޕީން ށްވެރިކޮށްފި

11 ޖޫން 2025 - 20:14 0

ހއ. ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެ ތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެށުމުން އިދިކޮޅު އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރުމަށް ހޯރަފުށީގައި އެޅި ބޮޓްލިން ޕްލާންޓުގެ މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުން އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި ޕްލާންޓަކީ ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ގާއިމުކުރާ ޕްލާންޓެއް ކަމަށްވާއިރު އަންނަ ޖުލައި މަހުގެ ތެރޭގައި އެ ޕްލާންޓް ބޭނުން ކުރެވޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ވަނީ ބުނެފަ އެވެ، ނަމަވެސް، ފެނަކަ ކޯޕަރޭޝަނުން ދީފައިވާ ޔަގީންކަމާ ހިލާފަށް އެ ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައި ވާތީ ކަންބޮޑުވުން ފާޅުކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެފަދަ ޕްރޮޖެކްޓުތަކަކީ ރަށްރަށުގެ އިގުތިސާދަށް ދިރުން ގެނެސްދީ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ޕްރޮޖެކްޓުތަކެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. ނަމަވެސް ބޮޓްލިން ޕްލާންޓުން ހިދުމަތް ދޭން ފެށުމުގެ ކުރިން އެތަނުގެ މަސައްކަތްތައް ހުއްޓާލައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީ ރައްޔިތުންނަށް މި ސަރުކާރުން ދޭ ބޮޑު ނިކަމެތިކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

"އަންނަ މަހު ހިދުމަތް ދޭން ފެށުމުގެ ކުރިން މި ޕްރޮޖެކްޓު ހުއްޓާލާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ހޯރަފުށީގެ ރައްޔިތުންނަށް މި ސަރުކާރުން ދޭ ބޮޑު ނިކަމެތިކަމެކެވެ، އަދި އިގުތިސޯދީ ނަފާ ހޯދުމަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމުގެ އަލިގަދަ ހެއްކެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ ސިޔާސީ ބޭނުމުގައި މި ސަރުކާރުން ޕްރޮޖެކްޓުތައް ހުއްޓާލައި އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރަމުން ދާތީ އެތައް އާއިލާއެއް ހާލުގައި ޖެހެމުންދާ ކަމަށެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިނުލުމަށާއި ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާތައް އިއާދަކޮށްދިނުމަށް އެމްޑީޕީގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.

ހޯރަފުށީގައި ގާއިމުކުރާ ބޮޓްލިން ޕްލާންޓަކީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓު ކޮމިއުނިޓީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން ހޯރަފުށި ކައުންސިލުން ހުށަހެޅި ޕްރޮޕޯޒަލާ އެއްގޮތަށް އެރަށުގައި ގާއިމުކުރާ ފެން ބަންދުކުރާ ޕްލާންޓެކެވެ.

އެ ޕްލާންޓު ހިންގުމަށް އެއްބަސްވެފައި އޮތީ ފެނަކަ އާއި ހޯރަފުށި ކައުންސިލް ގުޅިގެންނެވެ. ބޮޓްލިން ޕްލާންޓުގައި ހޯރަފުށި ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮވެ އެވެ. ބާކީ ހިއްސާ އޮންނަނީ ފެނަކަ ކޯޕަރޭޝަންގެ އެވެ.

ބްޓޮލިން ޕްލާންޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް އެތަނުގެ މަސައްކަތް އެއްކޮށް ހުއްޓާލައި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމި މައްސަލައިގައި ޝަރީއަތަށް ދާން ނިންމާފައިވާ ކަމަށް ހޯރަފުށި ކައުންސިލުން މިއަދު ވަނީ ބުނެފަ އެވެ.