Advertisement

ބުރުނު ޝިކާރަށް ޖާއްޓެ ހާއްސަ އުންމީދެއްގައި

12 ޖޫން 2025 - 09:15 0

އަތޫފް އާތިފް

އަތޫފް އާތިފް


ބުރުނު ޝިކާރަށް ޖާއްޓެ ހާއްސަ އުންމީދެއްގައި

12 ޖޫން 2025 - 09:15 0

މި މަހު ފަހުކޮޅު މާލެ، ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ބޮޑީބޯޑިންގެ އަހަރުގެ ފުރަތަމަ މުބާރާތް "ބުރުނު ޝިކާރު" ފުރަތަމަ ފަހަރަށް ކާމިޔާބުކުރަން މިދިޔަ އަހަރުގެ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަން، އަލީ ޖާވިދު (ޖާއްޓެ) ތައްޔާރު ވަމުން އަންނަ ކަމަށް ބުނެފި އެވެ.

ބޮޑީބޯޑިންގެ އެންމެ ދުވަސްވީ މުބާރާތްތަކުގެ ތެރޭގައި ހިމެނޭ ބުރުނު ޝިކާރު ބާއްވާ މިއީ ހަތް ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބޮޑީބޯޑަރު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އެވެ.

އެމްބީބީއޭގެ މީޑިއާ އަށް ދިން ވީޑިއޯ އިންޓަވިއުއެއްގައި، ޖާއްޓެ ބުނީ ބުރުނުގެ ހަތް ވަނަ އެޑިޝަން އަށް އޭނާ ހުރީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އަދި، މި އަހަރަކީ ރަނގަޅު ރާޅުތަކެއް ލިބޭނެ އަހަރެއް ކަމަށް ބެލެވޭ ކަމަށް ވެސް ޖާއްޓެ ވަނީ ބުނެފަ އެވެ.

"އަދި މިހާތަނަށް ބުރުނު (ޝިކާރު)ގެ އެއްވެސް މުބާރާތެއް ކާމިޔާބެއް ނުކުރެވޭ. އެއްވަނަ އެއް ނުލިބޭ އެހެންވެ، މި ފަހަރުގެ އެންމެ ބޮޑު އުންމީދަކީ މުބާރާތް ނެގުން" ޖާއްޓޭ ބުންޏެވެ.

މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެލެންޖު ކާމިޔާބުކޮށް، ބޮޑީބޯޑިން ލީގުގެ ޗެމްޕިއަންކަން ޖާއްޓޭ ހޯދީ ޖުމްލަ 2610 ޕޮއިންޓް ހޯދައިގެންނެވެ.

ބުރުނު ޝިކާރު މުބާރާތަކީ ބޮޑީބޯޑިންގެ އެންމެ ތާރީހީ އެއް މުބާރާތެވެ. މިއީ ބުރުނު ނަކަތާ ދިމާކޮށް އެމްބީބީއޭ އިން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި، މިއީ ބޮޑީބޯޑިން ސީރީސްތަކުގެ އެންމެ ދުވަސްވީ މުބާރާތްވެސްމެ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 17-21 އަށް ވަރުނުލާ ރާޅުގަނޑުގަ އެވެ.

އެންމެ ފަހުގެ ބުރުނު ޝިކާރު މުބާރާތް ކާމިޔާބުކުރީ އަލީ ހުސްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އަދި އެ ފަހަރުގެ މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ވެސް ކުޑަ އައްޔަ ހޯދި އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޖޫނިއާ ޗެމްޕިއަނަކީ ފުވައްމުލައް ސިޓީގެ މުހައްމަދު އަޒާން އަހުމަދު އެވެ.