Advertisement

ނިޒޯ ފާހަގަކުރެއްވީ ބޮޑީބޯޑިން ސީޒަން ކާމިޔާބުވި ބޮޑު ސަބަބު

24 ނޮވެންބަރު 2025 - 11:34 0

ބަނޑުފިލާ ޗެލެންޖް ނިންމުމުގެ ރަސްމިއްޔާތަށް ފަހު ނިޒޯ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއުދެނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ނިޒޯ ފާހަގަކުރެއްވީ ބޮޑީބޯޑިން ސީޒަން ކާމިޔާބުވި ބޮޑު ސަބަބު

24 ނޮވެންބަރު 2025 - 11:34 0

މި އަހަރުގެ ބޮޑީބޯޑިން ސީޒަން ކާމިޔާބުވި އެންމެ ބޮޑު އެއް ސަބަބަކީ، ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގި ބޮޑީބޯޑަރުން އުފެއްދުމުގެ ޕްރޮގްރާމް "ހުދު ފޮނު"ގައި ބައިވެރިވި އެތުލީޓުން ބޮޑީބޯޑިން މުބާރާތުގައި ވާދަކޮށް ކާމިޔާބީތަކެއް ހާސިލްކުރުން ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ރައީސް، ހުސެއިން ނިޒާމް (ނިޒޯ) ފާހަގަކުރައްވައިފި އެވެ.

ބޮޑީބޯޑިން ސީޒަނުގައި ކުރިއަށްދަނީ ތިން މުބާރާތެކެވެ. އެއީ، ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް، ލަބެރާ ބޮޑީބޯޑިން ޗެލެންޖް އަދި ނެޝަނަލް ބަނޑުފިލާ ޗެލެންޖް އެވެ. އަދި، އެމްބީބީއޭ އިން ވަނީ ށ. ކަނޑިތީމާއި ނ. ޅޮހީގައި "ހުދުފޮނު" ޕްރޮގްރާމް ކުރިއަށްގެންގޮސްފަ އެވެ.

ބޮޑީބޯޑިން ސީޒަނުގެ ފަހު މުބާރާތް، ބަނޑުފިލާ ޗެލެންޖްގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ނިޒޯ ވިދާޅުވީ، މި އަހަރުގެ ބޮޑީބޯޑިން ލީގު މި ނިންމާލެވުނީ ވަރަށް ކާމިޔާބުކަމާ އެކީގައި ކަމަށެވެ.

"މުޅި އަހަރު ވެސް އަޅުގަނޑު ދަންނަވާނީ ވަރަށް ސަކްސެސްފުލްކޮންނޭ (ކާމިޔާބުކޮށޭ) ދިޔައީ އަޅުގަނޑު މުޅި އަހަރު ފައްޓައިގެން ދިވެހި ރާއްޖޭގައި އަލަށް ހުދު ފޮނުވެސް ދެ ރަށެއްގައި ވަަރަށް ބައިވަރު ކުދިންނާ އެކު ޖެއްސި، ލީގު ވަރަށް ފުރިހަމަކަމާ އެކު، ބުރުނު، ލަބެރާ، އަދި ބަނޑުފިލާ ޗެލެންޖް ގެންގޮސް މި ނިންމާލެވުނީ، ލީގު ޓްރޮފީ ހަވާލުކުރެވިގެން މިދިޔައީ،" ނިޒޯ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބޮޑީބޯޑިން ސީޒަނަށް ގިނަ ކަންތައްތަކެއް ރާވަމުން އަންނަ ކަމަށް ނިޒޯ ވަނީ ވިދާޅުވެފައި.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އޭނާ ވިދާޅުވީ، ހުދުފޮނުގެ ކާމިޔާބީގެ ކަންކަން ބޮޑީބޯޑިން ސީޒަނުގެ މުބާރާތްތަކުން ފެނުމަކީ މި ކަމުގައި ކުރިއަށްދިއުމުގައި ހިތްވަރެއް ކަމަށެވެ.

"މި މުބާރާތަށް (ބަނޑުފިލާ ޗެލެންޖަށް) ބަލާއިރު އެ ހުދުފޮނުގައި ޖެއްސި ކަނޑިތީމުން ޖެއްސި، އެތުލީޓުން މިކޮޅަށް އައި، ނ. ޅޮހީގައި ޖެއްސި އެތުލީޓަކު، ލަބެރާ އަށް އައި، އައިސްގެން އެ ދެ ބައިވެރިން، ދެތިން ކުއްޖަކު ބޭރުން މި ބައިވެރިވިއިރު އަޅުގަނޑުމެންގެ ހުދުފޮނުގެ މި ކާމިޔާބީ މި ފެނުނީ އެ ކުދިން އައިސް މިކޮޅުގައި ވާދަކޮށް މި އަހަރަށް ބަލާއިރު މި މުބާރާތަށް ބަލާއިރު އަހަދު އެ ނެގި ޖޫނިއާސްގެ ރަނަރަޕް، ދެން، ނަދީހު، ޅޮހީ ކުއްޖެއް، ލަބެރާގައި ބައިވެރިވެ ވަރަށް ރަނގަޅު ކާމިޔާބެއް ހޯދައިގެން ދިޔައީ އިރާދަކުރެއްވިއްޖިއްޔާ މި އަހަރު މި ދިޔައީ ވަރަށް ފުރިހަަމަކޮށް ވަރަށް ސަކްސެސްފުލްކޮށް،" ނިޒޯ ވިދާޅުވި އެވެ.

މި އަހަރުގެ މި ކާމިޔާބީ އަށް ބަލައި، އެމްބީބީއޭ އިން ހުރީ އަންނަ އަހަރުގެ މުބާރާތްތައް މި ސީޒަނަށް ވުރެން ވެސް ރަނގަޅަށް ކުރިއަށްގެންދިއުމަށް އަޒުމު ކަނޑައަޅައިގެންނެެވެ. ނިޒޯ ވިދާޅުވީ، އަންނަ އަހަރުގެ ކަންކަން ރާވަމުން އަންނަ ކަމަށާއި ބޮޑީބޯޑިން ކޮމިއުނީޓީ އާއި ސަޕޯޓަރުން ވަރަށް ގަޔާވާނެ "ސަޕްރައިޒްތަކެއް' ވެސް އަންނަ އަހަރު ފެނިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު މި އަށް ވުރެން މާ ފުރިހަމަ މާ ފަހި ސަޅި ދުވަސްތަކެއް އޮތީ އަޅުގަނޑުމެންގެ ޕްލޭންސްތައް ވެސް އިތުރަށް ވަރުގަދަކޮށް ހުރީ އިރާދަކުރެއްވިއްޔާ ސަޕްރައިޒިން ވަރަށް ގިނަ ކަންތައްތަކެއް 2026 ގައި ފެނިގެންދާނެ،" ނިޒޯ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ކަލަންޑަރު ފައިނަލް ކުރުމުގެ މަސައްކަތް ބޮޑީބޯޑިން އެސޯސިއޭޝަން، އެމްބީީބީއޭ އިން ކުރިއަށް އެބަގެންދެ އެވެ.

އެމްބީީބީއޭ އިން ބުނީ، މި އަަހަރުގެ ބޮޑީބޯޑިން ސީޒަން އެންމެ ފުރިހަމަކޮށް ކުރިއަށްގެންދެވުނީ، ޕާޓްނަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށާއި އުންމީދަކީ ކުރިއަށްއޮތްތަނުގައި ވެސް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.