Advertisement

ލިވަޕޫލާއި އާސެނަލަށް އަންނަ ސީޒަނުގައި އެޑްވާންޓޭޖް އެބައޮތް: ޓުޗެލް

11 ޖޫން 2025 - 09:02 0


ލިވަޕޫލާއި އާސެނަލަށް އަންނަ ސީޒަނުގައި އެޑްވާންޓޭޖް އެބައޮތް: ޓުޗެލް

11 ޖޫން 2025 - 09:02 0

ލަންޑަން (ޖޫން 11) - މި މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ނުކުޅޭތީ އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި އާސެނަލާއި ލިވަޕޫލަށް އެޑްވާންޓޭޖް އެބައޮތް ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު، އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި އިންގްލެންޑުން ވާދަކުރަނީ، މެންޗެސްޓާ ސިޓީ އާއި ޗެލްސީ އެވެ. އެ ދެ ޓީމުން، މަދުވެގެން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ތިން މެޗު ކުޅޭއިރު، ފައިނަލަށް ގޮސްފިނަމަ، ހަތް މެޗު ކުޅެން ޖެހޭނެ އެވެ. އަދި، ކުޅުންތެރިންނަށް ޗުއްޓީ ދިނުމަށް ފަހު، ރަނގަޅު ޕްރީ ސީޒަނެއް ހެދުމަށްޓަކައި، ލިބޭ ވަގުތު ކުޑަވާނެ އެވެ.

"އަންނަ ސީޒަނަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކްލަބް ވޯލްޑް ކަޕްގެ ސަބަބުން. އަހަރެން ބުނާނީ އެ މުބާރާތުގައި ނުުކުޅޭތީ، ލިވަޕޫލާއި އާސެނަލަށް އެޑްވާންޓޭޖެއް އެބައޮތް،" ޗެލްސީ އަށް ކުރިން ގިނަ ކާމިޔާބީތަކެއް ހޯދި ޓުޗެލް ބުންޏެވެ.

"މިހެން ބުންޏަސް، ވަރަށް ރަނގަޅު ތަޖުރިބާއެއް އެއީ މި މުބާރާތް ކުޅޭ ކުޅުންތެރިންނަށް، ބޮޑު މުބާރާތެއް ކުޅުމަކީ، ހަގީގަތަކީ، ދިގު ސީޒަނެއް ކުޅެފައި، އަނެއްކާ ވެސް މުބާރާތުގެ މާހައުލެއްގައި އުޅެން ޖެހުމުން، ރިކަވަރީ އާއި ޗުއްޓީގެ މުއްދަތު ކުޅުންތެރިންނަށް މި ގެއްލެނީ، މީގެ އަސަރު ކުޅުންތެރިންނަށް ކުރާނެ،"

ޓުޗެލް ބުނީ، އިންގްލެންޑް ކޯޗަކަށް ހުންނައިރު، އޭނާ އަށް އަބަދުވެސް މުހިންމުވާނީ، އިންގްލެންޑަށް ކާމިޔާބު ހޯދައިދޭން އިސްކުރަން ޖެހޭ މަސްލަހަތު ކަމަށެވެ.

ޖެނުއަރީ މަހުން ފެށިގެން އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވި ޓުޗެލްއާ އެކު، އެ ޓީމުން ރޭގެ މެޗާ ހަމައަށް ކުޅުނު ތިން މެޗުން ވެސް މޮޅުވި އެވެ. އެކަމަކު، ރޭ އެކުވެރިކަމުގެ މެޗެއްގައި ވަނީ އަމިއްލަ ދަނޑުގައި ސެނެގާލް އަތުން ބަލިވެފަ އެވެ.