10 ޖޫން 2025 - 22:58 0
ލީވާން އަލީ ނާސިރު
އާރްޑީސީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު: އެހެން މަސައްކަތްތައް އިސްކަން ދެނީ ރައީސްގެ އިރުޝާދުގެ ދަށުން ކަމަށް ވިދާޅުވި-- ފޮޓޯ: އާރްޑީސީ
10 ޖޫން 2025 - 22:58 0
މަގުތައް ތަރައްގީކުރުމުގެ ހާއްސަކޮށްގެން އުފެއްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރަނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ އެހެނިހެން މަސައްކަތްތައް ކަމަށް އެ ކުންފުނީގެ އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވީ އާރްޑީސީން އެންމެ އިސްކަމެއް ދީގެން ކުރަމުން ދަނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމާއި ކުނި ކޮށިތައް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި މި އަހަރުގެ ތެރެއަށް އެ މަޝްރޫއުތައް ނިންމާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން ކޮންމެހެން މި އަހަރު ނިންމަން ޖެހޭ ބައެއް ޕްރޮޖެކްޓްސްތައް އެބަހުރި. އޭގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކީ ޕޮލިސް ސްޓޭޝަންތައް އެޅުމާއި އަދި އޭގެ އިތުރަށް އައިލެންޑް ވޭސްޓްގެ ކަންތައްތައް ކުރުން އެންމެ ބޮޑަށް އިސްކަން ދީގެ ކުރިއަށްދަނީ،" އޭނާ ވިދާޅުވި އެވެ.
އަލީ ޒުހައިރު އިތުރަށް ވިދާޅުވީ އާރްޑީސީއާ ހަވާލުކޮށްފައި ހުރި ބައެއް ދަނޑުތައް ނިންމުމުގެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.
އާރްޑީސީއާ 20 ރަށެއްގެ ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. މީގެ އިތުރުން އެ ކުންފުންޏާއި 24 ރަށެއްގެ ކުނި ކޮށީގެ މަސައްކަތް ނިންމުމަށް ހަވާލުކުރީ ވެސް މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވާ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާއިރު، މީގެ ސަބަބެއް ކަމަށް އިންފްރާސްޓްރަކްޗާ މިިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގައި މި ވަގުތު ތާރު އެޅުމުގެ ގާބިލުކަމެއް ނެތެވެ. އަދި މިކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ އާރްޑީސީއަކީ މަގުތައް ހެދުމަށް ހާއްސަކޮށްފައި އޮތް ކުންފުންޏަކަށްވީ ނަމަވެސް، އެ ކުންފުނިން ކުރި މަސައްކަތްތަކުގެ ކޮލިޓީއާ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
އާރްޑީސީގެ މަސައްކަތަށް ބުރޫއެރި އަނެއް ސަބަބަކީ، މިހާރު އިސްކަމެއް ދީގެން އެ ކުންފުނިން އެ ބުނާ މަސައްކަތްތައް ފަދަ އެ ކުންފުނި އުފެއްދި ދާއިރާއިން ބޭރުން ރަށްރަށުގެ ފުޓުސަލް ދަނޑުތަކާއި އެހެނިހެން މަސައްކަތް ހަވާލުކުރުމެވެ.
Comment