Advertisement

މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓަަކަށް ކުރީގެ އެމްޑީ އާތިފް

10 ޖޫން 2025 - 18:07 0

މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު: މިފްކޯ އާއި ސަރުކާރު އެހެން ކުންފުނިތަކުގައި ވެސް އިސްކޮށް މަސައްކަތް ކުރި --- ފޮޓޯ: ވިލާ ކޮލެޖު


މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓަަކަށް ކުރީގެ އެމްޑީ އާތިފް

10 ޖޫން 2025 - 18:07 0

ދައުލަތުގެ މަސް ކުންފުނި، މިފްކޯގެ ސްޓްރެޓަޖިކް ކޮންސަލްޓަންޓަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާތިފް ޝަކޫރު އައްޔަނުކޮށްފި އެވެ.

އާތިފް މި މަގާމަށް އައްޔަނުކުރީ، މި މަހުން ފެށިގެންނެވެ. އޭނާގެ މަސްއޫލިއްޔަތަކީ ކުންފުނީގެ ސްޓްރެޓެޖިކް ކަންކަމުގައި ލަފާ ދިނުމެވެ.

އާތިފަކީ މިފްކޯގެ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މީހެކެވެ. އޭނާ ވަނީ 2004 އިން ފެށިގެން 2013 އަށް އެ ކުންފުނީގައި އިސް މަގާމުތައް އަދާކުރައްވާފަ އެވެ.

މިފްކޯގެ އިތުރުން، އާތިފް ވަނީ އެސްޓީއޯ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރައްވާފަ އެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު ހިންގަވަން ވެސް ހުންނެވި އެވެ.

އޭގެ އިތުރުން އާތިފަކީ ދިވެހި އިގުތިސޯދު ދިރާސާކޮށް، ލިޔުއްވާ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މިފްކޯ ހާލަތު ރަނގަޅު ކުރަން، އެ ކުންފުނީގައި އިސްކޮށް މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

އެ ގޮތުން، މިފްކޯއަށް މެނޭޖިން ޑިރެކްޓަރަކު ހޯދަން މިދިޔަ އަހަރު އިއުލާންކުރުމުން އާތިފު ކުރިމަތިލެއްވި އެވެ. ނަމަވެސް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެ ފަހަރު ކުރިމަތިލީ އެއްވެސް މީހެއްގެ ޝަރުތު ހަމަ ނުވާ ކަމަށް ބުނެ އިއުލާން ބާތިލުކޮށްފަ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސް ކުންފުނިތަކުގެ ތެރޭގައި މިފްކޯ ހިމެނެ އެވެ. މި ސަރުކާރުން ވަނީ އެ ކުންފުނީގެ ހިންގުން ރަނގަޅު ކުރަން ކަމަށް ބުނެ އެސްޓީއޯގެ ދަށުން އެ ކުންފުނި ވަކިކޮށް، ވަކިން ހިންގާ ސަރުކާރު ކުންފުންޏަކަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް އެ ކުންފުނީގައި ހުރި ދުވަސްވީ މައްސަލަތަކުގެ ތެރެެއިން މިއަދާ ހަމައަށް ހައްލެއް ލިބުނީ މަސްވެރިން ކިރާ މަހަށް ގަވާއިދުން ފައިސާ ނުލިބޭ މައްސަލައަށެވެ. މި މައްސަލަ ވެސް ހައްލު ކުރީ ސަރުކާރުން ޔަގީންކަން ދީފައިވާ ބީއެމްއެލްގެ ފެސިލިޓީއަކުންނެވެ.

މިހާރު މިފްކޯ ހިންގަމުން ދަނީ މި ސަރުކާރުގައި އެ ކުންފުންޏާ ހަވާލުވީ ތިން ވަނަ މެނޭޖިން ޑިރެކްޓަރެވެ. އެންމެ ފުރަތަމަ އެ މަގާމުގައި ހުންނެވީ ސަމާހު ރަޝީދެވެ. އޭނާ އެ މަގާމުން ވަކިކުރީ މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށާއި ކޮރަޕްޝަނަށް ތުހުމަތުކުރެވިފައި ވަނިކޮށެވެ.

ދެން އެ ކުންފުންޏާ ހަވާލުވީ ޔޫކްރެއިންގެ ވިޓަލީ ލިއުބިމޯވް އެވެ. އޭނާއަކީ މިފްކޯގެ 32 އަހަރުގެ ދިގު ތާރީހުގައި އައްޔަނުކުރި ފުރަތަމަ ބިދޭސީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރެވެ. އެކަމަކު ތިން މަސް ނުވަނީސް އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މިފްކޯ ހިންގެވުމާ މިހާރު ހަވާލުވެ ހުންނެވީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރެވެ.