10 ޖޫން 2025 - 14:53 0
މުހައްމަދު ޝަހްޒާން
އިސްލާމް ދީނުގެ ދައުވަތު ދިނުމަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަލް މަރުހޫމް އިބްރާހިމް ފަރީދު -- ފޮޓޯ: ފޭސްބުކް
10 ޖޫން 2025 - 14:53 0
އަންނަ ހުކުރު ދުވަހުގެ ކުރިން ޝެއިޚް އިބްރާހިމް ފަރީދުގެ ހަށިގަނޑު ވަޅުލައިފި ނަމަ އެ ދުވަހުގެ ހުކުރު ނަމާދަށްފަހު މުޅި ރާއްޖޭގައި ޝެއިޚްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ޝަހީމް އަދަދު އަށް ވިދާޅުވީ ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން ދާތީ މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން ޝެއިޚްގެ ހަށިގަނޑު ވަޅުލައިފި ނަމަ ހުކުރު ނަމާދަށް ފަހު މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
"އިންޝާالله މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން [ފަރީދުގެ ހަށިގަނޑު] މެލޭޝިޔާގައި ވަޅުލައިފި ނަމަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޝެއިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން މިނިސްޓްރީން ވަނީ ނިންމައިފަ،" ޝަހީމް ވިދާޅުވި އެވެ.
"ޖަނާޒާގެ ކަންކަން ދާގޮތް އިއުލާނު ކުރާނަން."
ރާއްޖޭގައި އެންމެ ފާހަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޝެއިޚް ފަރީދު ނިޔާވީ އިއްޔެ ހަވީރު މެލޭޝިޔާގެ ކުއަލަލަންޕޫރުގަ އެވެ. އޭނާ ނިޔާވީ އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު އެވެ.
ޝެއިހު ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.
އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޮގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުލި އެވެ.
ފަރީދުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން އާއިލާއިން ނިންމާފައި ވަނީ މެލޭޝިޔާގަ އެވެ.
Comment