Advertisement

މަޖިލީހުގެ ޖަލްސާއެއް މާދަމާ، އެޖެންޑާގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން

10 ޖޫން 2025 - 14:18 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަޖިލީހުގެ ޖަލްސާއެއް މާދަމާ، އެޖެންޑާގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނުކުރުން

10 ޖޫން 2025 - 14:18 0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާތާ އެތައް ދުވަހެއް ފަހުން، މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާގައި އޮތީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ނ. ހެނބަދޫ، ނޫރާނީމާގެ، އަބްދުﷲ ހަމީދު އަދި ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމް އައްޔަނުކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާމެދު ގޮތް ނިންމުމެވެ.

މީގެ އިތުރުން ނޭޕާލަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރު ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ވެސް މާދަމާ މަޖިލީހަށް ހުށަހަޅާނެ އެވެ.

މީގެއިތުރުން މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ފަޒީލް ހުށަހަޅުއްވާފައިވާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރާނެ އެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން 2 ވީ ހޯމަ ދުވަހު ފެށި ނަމަވެސް، ޖެހިގެން އައި އަންގާރަ ދުވަހުން ފެށިގެން ބޮޑު އީދު ބަންދަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑައިލި އެވެ.

އެހެންވެ، މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ބާއްވަންޖެހޭ އަންގާރަ ދުވަހާއި ބުދަ ދުވަހު ޖަލްސާ ނުބާއްވަ އެވެ. އަދި ބޮޑު އީދު ބަންދަށްފަހު މިއަދު ވެސް މަޖިލިސް ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި ދައުރުގެ ތެރޭގައި ހަފުތާއަކު ތިން ދުވަހު މަޖިލިސްގެ ޖަލްސާތައް ބާއްވަން ޖެހެ އެވެ. އެއީ ހޯމް، އަންގާރަ އަދި ބުދަ ދުވަހު އެވެ.

ނަމަވެސް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ހަފްތާއަކު ތިން ދުވަހު ނުބާއްވާކަން ފާހަގަކުރެވެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީން ކޮންޓްރޯލްކުރާއިރު، މިހާރު މަޖިލިސް ޖަލްސާތައް ބާއްވަނީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކަމަށް އިދިކޮޅު ޕާޓީން ދަނީ ތުހުމަތު ކުރަމުންނެވެ.