Advertisement

މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި

10 ޖޫން 2025 - 09:10 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ ރިޔާސަތުގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ


މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި

10 ޖޫން 2025 - 09:10 1

ބޮޑު އީދު ބަންދަށް ފަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ މަޖިލީހުގެ ޖަލްސާ މިއަދު ނުބޭއްވި އެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން 2 ވީ ހޯމަ ދުވަހު ފެށި ނަމަވެސް، ޖެހިގެން އައި އަންގާރަ ދުވަހުން ފެށިގެން ބޮޑު އީދު ބަންދަށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑައިލި އެވެ. އެހެންވެ، މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ބާއްވަންޖެހޭ އަންގާރަ ދުވަހާއި ބުދަ ދުވަހު ޖަލްސާ ނުބާއްވަ އެވެ.

މަޖިލީހުގެ ސީނިއާ މީޑިއާ އޮފިސާ އަހުމަދު މާން އަސްއަދު އަދަދު އަށް ވިދާޅުވީ މިއަދު ވެސް މަޖިލިސް ޖަލްސާ ނުބާއްވާ ކަމަށެވެ. ނަމަވެސް ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މިއަދު މަޖިލިސް ޖަލްސާއެއް ނުބާއްވާ. ކޮމިޓީ ބައްދަލުވުމެއް ވެސް ބާއްވަން ތާވަލުކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން، ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހާމައެއް ނުކުރައްވަ އެވެ.

އެ ދުވަހު އެޖެންޑާގައި އޮތީ މަޖިލިސް ޖަލްސާއަށް ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ އާއި ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެންބަރު، މުހައްމަދު ފަޒީލް ހުށަހަޅުއްވާފައިވާ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުމެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުގައި ދައުރުގެ ތެރޭގައި ހަފުތާއަކު ތިން ދުވަހު މަޖިލިސްގެ ޖަލްސާތައް ބާއްވަން ޖެހެ އެވެ. އެއީ ހޯމް، އަންގާރަ އަދި ބުދަ ދުވަހު އެވެ.

ނަމަވެސް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ހަފްތާއަކު ތިން ދުވަހު ނުބާއްވާކަން ފާހަގަކުރެވެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީން ކޮންޓްރޯލްކުރާއިރު، މިހާރު މަޖިލިސް ޖަލްސާތައް ބާއްވަނީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މެއި 15، ގަ އެވެ. މި އަހަރުގެ ފުރަތަމަ ދައުރުގައި 32 ޖަލްސާއެއް ބާއްވައި ނުވަ ބިލެއް ފާސްކުރި އެވެ.