Advertisement

ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލްގެ ކޭސްއެއް ރާއްޖެއިން ފެނިގެން ފިޔަވަޅު އަޅަނީ

7 ޖޫން 2025 - 16:50 0


ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލްގެ ކޭސްއެއް ރާއްޖެއިން ފެނިގެން ފިޔަވަޅު އަޅަނީ

7 ޖޫން 2025 - 16:50 0

ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

"ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ދަނީ މަސައްކަތް ކުރަމުން،" އެޗްޕީއޭ އިން ބުނެފައި ވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ރާއްޖެއިން މެނިންގޮކޯކޮލް ފެނި އެކަކު މަރުވި އެވެ. އެފަހަރު ވެސް ކޮންޓެކްޓް ޓްރޭސިން ހަދައި، ކްލޯސް ކޮންޓެކްޓުންނަށް ބޭސް ދިނެވެ.

މެނިންގޮކޯކޮލް ބައްޔަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ. މި ބަލީގެ އަލާމާތްތައް ފެންނަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.

މިބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.

މެނިންގޮކޯކޮލް ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ.

އެގޮތުން ކަންފަތުގެ އަޑުއިވުމުން މަހުރޫމުވުމާއި ލޮލަށް ފެނުމުގެ މައްސަލަތަކާއި ފިޓު ޖެހުމުގެ އިތުރުން ބަލީގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން މުޅި އުމުރު ދުވަހަށް ދެމި ހުރުން ފަދަ ކަންކަން މި ބަލި ޖެހޭ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކު ތަހަންމަލު ކުރަންޖެހެ އެވެ.