Advertisement

ޖަޕާނުން ހަނދަށް ފޮނުވި ދެވަނަ އުޅަނދު ވެސް ފެއިލްވެއްޖެ

7 ޖޫން 2025 - 13:05 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


ޖަޕާނުން ހަނދަށް ފޮނުވި ދެވަނަ އުޅަނދު ވެސް ފެއިލްވެއްޖެ

7 ޖޫން 2025 - 13:05 0

ހަނދުގައި އިންސާނުންނަށް ދިރިއުޅެވޭ ގޮތަށް ސިޓީއެއް ބިނާކުރަން ޖަޕާނުގެ ކުންފުންޏަކުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ކުރުމަށް ހަނދަށް ފޮނުވި ދެވަނަ އުޅަނދު ވެސް ފެއިލްވެއްޖެ އެވެ.

ޖަޕާނުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އައިސްޕޭސްއިން ހާމަކުރި ގޮތުގައި، "ރެސިލިއަންސް" ނަމަކަށް ކިޔާ ޖައްވީ އުޅަނދާއި މުވާސަލާތު ކެނޑި، އެ މިޝަން ވަނީ ފެއިލްވެފަ އެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނީގެ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ހަނދުގައި މަދުވެގެން 1000 މީހުންނަށް ދިރިއުޅެވޭ ފަދަ ސިޓީއެއް ބިނާކުރުން ކަމަށެވެ.

އައިސްޕޭސްގެ ސީއީއޯ އަދި ފައުންޑަރު ތަކޭޝި ހަކަމާދާ ވިދާޅުވި ގޮތުގައި، މި މިޝަން ގޯސްވުމުގެ ސަބަބު އަދި ސާފުކޮށް ނޭނގެ ކަމަށެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ޓެލެމެޓްރީ ޑޭޓާ އަވަހަށް ދިރާސާކޮށް، އެ އުޅަނދު ރައްކާތެރިކަމާއެކު ހަނދަށް ޖެއްސުމަށް ހުރަސް އެޅުނު ސަބަބުތައް ދެނެގަތުމަށް މަސައްކަތްކުރާނެ ކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ވެސް އައިސްޕޭސްއިން ހަނދުގައި ޕްރޯބެއް ބޭލުމަށް މަސައްކަތްކޮށްފައި ވެ އެވެ. ނަމަވެސް އެ މިޝަންގެ ފަހު ވަގުތުތަކުގައި ފުރަތަމަ ލޭންޑަރާއި މުވާސަލާތު ކެނޑި، އެ މަސައްކަތް ވެސް ކާމިޔާބެއް ނުވެ އެވެ. މި ފަހަރުގެ މަސައްކަތަކީ ޖެނުއަރީ 15 ގައި ސްޕޭސްއެކްސް ފެލްކަން 9 ރޮކެޓެއްގައި ފަށާފައިވާ، ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ދަތުރަކަށް ފަހު ކުރެވުނު މަސައްކަތެކެވެ.

ރެސިލިއަންސް ލޭންޑަރަކީ އައިސްޕޭސްގެ ހަކުޓޯ-އާރް މިޝަން 2 ގެ ބައެކެވެ. ސޯލާ ޕެނަލްތަކުން ހަކަތަ ލިބޭ މި އުޅަނދުގައި ވިޔަފާރި އަދި ސައިންޓިފިކް ޕޭލޯޑްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހަނދުގެ ފެނުން ހައިޑްރޮޖަން އަދި އޮކްސިޖަން އުފެއްދުމުގެ ގާބިލުކަން ޓެސްޓުކުރުމަށް ވޯޓާ އިލެކްޓްރޮލައިޒާއަކާއި، ކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ އެލްގީ އުފެއްދުމަށް ފުޑް ޕްރޮޑަކްޝަން މޮޑިއުލްއެއް ހިމެނެ އެވެ. އަދި ޑީޕް-ސްޕޭސް ރޭޑިއޭޝަން ޕްރޯބެއް ހިމެނެ އެވެ. މި މިޝަން ދެމިގެންދާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް ދެ ހަފްތާ އަށެވެ.