Advertisement

ރޯޔަލް ޗެެލެންޖާސް ބެންގަލޫރުގެ އުފާފާޅުކުރުމުގެ ތެރެއިން 11 މަރު: ބޮޑު ތަހުގީގެއް!

6 ޖޫން 2025 - 10:15 0


ރޯޔަލް ޗެެލެންޖާސް ބެންގަލޫރުގެ އުފާފާޅުކުރުމުގެ ތެރެއިން 11 މަރު: ބޮޑު ތަހުގީގެއް!

6 ޖޫން 2025 - 10:15 0

ބެންގަލޫރު (ޖޫން 6) - ދުނިޔޭގެ އެންމެ ބޮޑު ފްރެންޗައިސް ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން، 18 އަަހަރު ތެރޭ ފުރަތަމަ ފަހަރަށް ހޯދި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ)ގެ އުފާފާޅުކުރުން ތެރެއިން 11 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވި މައްސަލައިގައި ބޮޑު ތަހުގީގެއް ފަށައިފި އެވެ.

އަންގާރަ ދުވަހުގެރޭ، ޕަންޖާބު ކިންގްސް ބަލިކޮށް، 18 އަހަރު ވަންދެން އައިޕީއެލް ކާމިޔާބުކުރަން ބެންގަލޫރުން ކުރި އިންތިޒާރަށް ނިމުން އަތުވިއިރު، ބެންގަލޫރުގެ ގިނަ ސަޕޯޓަރުން ވަނީ އެ ޓީމު ބައިވެރިވެ، އެ ސިޓީގައި ކުރިއަށްގެންދާ އުފާފާޅުކުރުުމުގައި ބައިވެރިވާން ނިންމައިފަ އެވެ.

ބެންގަލޫރު ޓީމުގެ އުފާފާޅުކުރުން ބޭއްވުމަށް ގަސްދުކުރި، ޗިންނަސްވާމީ ސްޓޭޑިއަމަކީ، 32،000 މީހުންގެ ޖާގައިގެ ދަނޑެއް ނަމަވެސް ބެންގަލޫރުގެ އެ އުފާފާޅުކުރުމުގައި ބައިވެެރިވާން އެއްވެ، ތިބި މީހުންގެ އަދަދު 200،000 އަށް ވުރެ އިތުރެވެ. އަދި، މި އިވެންްޓް އިންތިޒާމްކުރި ފަަރާތުން، މައުލޫމާތުތައް އެންމެ ރަނގަޅަށް ފޯރުކޮށްދީފައިނުވާތީވެ، އެކި މީހުން އަވަސްވެ އުޅެގަތުމުން، މީހުންތައް ފިތި، 11 މީހަކު (ކުޑަކުދިން ހިމެނޭހެން) ވަނީ މަރުވެފަ އެވެ. އަދި، 47 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.

މި މައްސަަލައިގައި، ކިއުބަން ޕާކް ޕޮލިސް ސްޓޭޝަނުގައި ވަނީ، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އާއި އިވެންޓް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ، ޑީއެންއޭ އެންޓަޓައިމަންޓް ނެޓްވޯކްގެ އިތުރުން، ކަރްނަޓަކާ ކްރިކެޓް އެސޯސިއޭޝަނާ ދެކޮޅަށް މައްސަަލަ ހުށަހަޅައިފަ އެެވެ.


އަދި، ކަރްނަޓަކާ ހައި ކޯޓުން ވަނީ، މި މައްސަލަ ހިނގައިދިޔަ ގޮތުގެ ކަންކަމުގެ މައުލޫމާތުތައް ސާފުކޮށް ރިޕޯޓެއް ހެދުމަށް، ސްޓޭޓު ސަރުކާރަށް އަންގައިފަ އެވެ. މި ރިޕޯޓް މި މަހުގެ 10 އަށް ނިންމަން ވެސް އަންގާފައިވެ އެވެ. މިއާ އެކު، ކަރްނަޓަކާ ސްޓޭޓު ސަރުކާރުގެ އިސް ވެރިންނަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ މެނޭޖްމަންޓުން ވަނީ، މަރުވި މީހުންގެ ކޮންމެ އާއިލާ އަކަށް، 10 ލައްކަ ރުޕީސް، (ގާތްގަނޑަކަށް 11 ހާސް ޑޮލަރު) ދޭން ނިންމައިފަ އެވެ. އަދި، އަނިޔާވި މީހުންގެ ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް، ބެންގަލޫރު މެނޭޖްމަންޓުން "އެއިޑް" ނަމުގައި ހާއްސަ ޑިވިޝަނެއް ވަނީ ގާއިމްކޮށްފަ އެވެ.