Advertisement

އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފި

4 ޖޫން 2025 - 16:24 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިދިޔަ އަހަރު ބޭއްވި އީދު ހަރަކާތްތަކުގެ ތެރެއިން: ހުކުރު ދުވަހު ފާހަގަކުރާ އަޟްހާ އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައި -- ފޮޓޯ: އަދަދު ފައިލް


އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާކޮށްފި

4 ޖޫން 2025 - 16:24 1

އަންނަ ހުކުރު ދުވަހު ފާހަގަކުރާ އަޟްހާ އީދު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 06:00 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ޖޫން 13، ގައި އެ ކައުންސިލުން ފިތުރު އީދު އަދި އަޟްހާ އީދު ދުވަހު ހަވީރު ވެހިކަލް ދުއްވުން މަނާ ކުރުމުގެ ނިންމުމުގެ ދަށުން ގްރޭޓާ މާލޭގެ އާންމު ހުރިހާ މަގުތަކުގައި ވެހިކަލް ދުއްވުމަކީ މަނާ ކަމެއް ކަމަށެވެ.

މިގޮތުން ހުކުރު ދުވަހު ހަވީރު އިންޖީނުލީ އަދި ބެޓަރި އުޅަނދު ދުއްވުމަކީ މަނާކަމެއް ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ނަމަވެސް ވެހިކަލް ދުއްވުން މަނާ ގަޑީގައި އެމަޖެންސީ ހާލަތުތަކުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން ހުކުރު ދުވަހު ހެނދުނު 08:30 އިން ފެށިގެން 10:30 އަށް އަދި މެންދުރުފަހު 14:00 އިން 15:45 އަށް ދޫކުރާނެ ކަމަށެވެ.

އީދު ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލްތައް ދުއްވުން މަނާކުރުމަކީ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމެކެވެ. އެގޮތުން އީދު ދުވަހު ހަވީރު ފައި މަގުގައި ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އުޅެ އެވެ.