Advertisement

މާލީ ބަގާވާތެއް ހިންގަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ނުހޯދުނު

4 ޖޫން 2025 - 14:02 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


މާލީ ބަގާވާތެއް ހިންގަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ނުހޯދުނު

4 ޖޫން 2025 - 14:02 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވުމުން އެކަމުގައި ފުލުހުން ހިންގާ ތަހުގީގުގައި އެއްވެސް ހެއްކެއް ނުލިބުނު ކަން އަދަދު އަށް އެނގިއްޖެ އެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ މަސްދަރަކުން މި ނޫހަށް ބުނީ މާލީ ބަގާވާތާ ގުޅިގެން ފުލުހުން މިހާރު ހިންގާ ތަހުގީގަށް އެއްކުރެވުނު މައުލޫމާތުން އެފަދަ ކަމެއް ރާވައި އިންތިޒާމުކޮށްގެން ހިންގަން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

"ހެއްކެއް ފެންނާކަށް ނެތް ކޯޑިނޭޓެޑް ވެގެން ކަމެއް އެގަޑީގައި ބައިވަރު އެތައް ސަތޭކަ ބޮޓް އެކައުންޓްތަކެއް މީހުން މަގުމައްޗަށް އެއްވާން ނިކުންނަން ގޮވައި، އެގަޑީގައި ޕްރެސް ކޮންފަރެންސްގެ ގަޑި އާއި ބޭންކުން އެކަންތައް އިއުލާންކުރި ގަޑިއާ ވެސް ދިމާވުމާއި މި އަދި މިހާތަނަށް ފެންނަ ފެނުމަށް އިއްތިފާގު،" އޭނާ ބުންޏެވެ.

މާލީ ބަގާވާތާ ގުޅިގެން އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކާލް ސްޓުމަކްގެ ބަޔާން ފުލުހުންނަށް ނުނެގެ އެވެ.

ކާލް ރާއްޖޭން ބޭރުގައި ހުންނަވައި އިސްތިއުފާ ދެއްވިއިރު އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ފުލުހުން ހޯދައިފައި ނެތެވެ. ތަހުގީގު ކުރިއަށް ދަނިކޮށް ކާލް ވަޑައިގަތީ އޭނާގެ އާއިލާ ދިރިއުޅެމުންދާ ދުބާއީ އަށެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ.

އެކަން އިއުލާނު ކުރުން އިއްތިފާގުވީ، ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ޖަލްސާގައި އެ ވާހަކަ ދައްކަމުން ގެންދެވި ވަގުތާ އެވެ. އޭގެ ކުރިން ވެސް ސަރުކާރުގެ ވެރިން ދިޔައީ އެއީ ބަގާވާތެއް ކަމަށް ބުނަމުންނެވެ.

މާލީ ބަގާވާތެއް އިދިކޮޅުން ހިންގަން އުޅުނު ކަމަށް ސަރުކާރުން ބުނުމާއެކު، އެކަން ފުލުހުން ތަހުގީގު ކުރަން ފެށުމާއެކު އާންމުން އެކަން ޖޯކަކަށް ހަދައި ފާޑުކިޔެވެ.

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން ނިންމީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ސަރުކާރު ވައްޓާލުމުގެ ނިޔަތުގައި ކަމަށް ސަރުކާރުން ތުހުމަތު ކުރެ އެވެ.