3 ޖޫން 2025 - 21:01 1
ލީވާން އަލީ ނާސިރު
3 ޖޫން 2025 - 21:01 1
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކުލަވައިލުމުގައި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ހަތަރު މީހަކަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ މައްސަލައިގައި ދައުވާ އުފުލީ މިދިޔަ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން، ހައުސިން މިނިސްޓްރީގެ ކުރީގެ ދެ ސިނީއާ އެގްޒެކެޓިވް މުހައްމަދު އާރިފް އާއި ލިރުގާމް ވަހީދު އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމް އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަތައް ފޮނުވީ އެއްވެސް ހެއްކެއް ނުދައްކައި، ސިޔާސީ މަގުސަދެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޯޑަރަށް ކަމަށެވެ.
"ސިޔާސީ ނުފޫޒުގައި ފިތި ބާރުވެފައި ތިބި އޭސީސީން އަމަލު ކުރަމުން ދަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް. މި މައްސަލާގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ކަނޑައެޅިގެން ހިލާފަށް. އެމްޑީޕީއިން ދެކެނީ މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއްގެ ގޮތުގައި،" އެމްޑީޕީން ބުންޏެވެ.
ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނެ ދޮގު ތުހުމަތުތަކެއްކޮށް ދައުވާ އުފުލަން ނިންމާފައިވާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ފްލެޓު ދިނުމަށް ނިންމާފައިވަނީ ހަމަ މިދިޔަ ސަރުކާރުން ގެޒެޓުގައި ޝާއިއުކުރި ލިސްޓަށްކަން އެމްޑީޕީން ފާހަގަކުރި އެވެ.
މީގެއިތުރުން އެމްޑީޕީން ބުނީ މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލު ކުރުމުން އަލުން އާ އަމުރެއް ބޭނުންކޮށްގެން އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށެވެ.
އެމްޑީޕީން ތުހުމަތުކުރަނީ އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރަމުންދަނީ ފްލެޓުތައް ހަވާލު ކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން އެ ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓުތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ޒިންމާ މަތިކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނުއަސާސީއާ ހިލާފަށް ވަކިކޮށްފައިވުމަކީ މިކަމުގައި އިންސާފުވެރި ޝަރީއަތެއް އެއްވެސް ފަރާތަކަށް ނުލިބޭނެކަން އަންގުވައިދޭ ކަމެއް،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ބާރުގައި އުމުރު ދުވަހު ހުންނެވޭނެ ކަމަށް ރައީސް މުއިއްޒު އުންމީދު ކުރެއްވި ނަމަވެސް، އިންސާފުގެ މަގުން ފެއަށް ޖެހި ފަސާދައިގެ މަގުން ހިނގަމުން މިދާ ސަރުކާރާ ދެކޮޅަށް ދިވެހި ރައްޔިތުން ކާމިޔާބު ހޯދާނެ ކަމަށެވެ.
Comment