Advertisement

ފާޑުކިޔަންވީ ހަމައެކަނި އެސޯސިއޭޝަންތަކުގެ އިންތިހާބާ ދިމާކޮށެއް ނޫން: އަހުމަދު

4 ޖޫން 2025 - 08:46 1

އަތޫފް އާތިފް

އަތޫފް އާތިފް


ފާޑުކިޔަންވީ ހަމައެކަނި އެސޯސިއޭޝަންތަކުގެ އިންތިހާބާ ދިމާކޮށެއް ނޫން: އަހުމަދު

4 ޖޫން 2025 - 08:46 1

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބާ ދިމާކޮށް ފާޑުކިޔާ ބަޔަކު ފާޑުކިޔަނީ މުޅިން އެހެން ބޭނުމެއްގައި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމަށް ދެ ވަަނަ ދައުރަކަށް އިންތިހާބުވި އަހުމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އޮލިމްޕިކް ކޮމިޓީގެ އިންތިހާބީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ވިދާޅުވީ، އެސޯސިއޭޝަންތަކަށް ފާޑުކިޔާ ފަރާތްތަކުން ގިނަ ފަހަރު ފާޑުކިޔަމުން އަންނަނީ ކޮރަޕްޝަން އެސޯސިއޭޝަންތަކުގައި ބޮޑުވުމުން ނޫން ކަމަށެވެ. އެއީ، އެސޯސިއޭޝަންތަކަށް "ނުވަދެވިފައި ތިބި ބަޔަކު އެސޯސިއޭޝަންތައް ބަދުނާމު ކުރަން" އިންތިހާބުތަކާ ދިމާކޮށް ކުރަމުން އަންނަ ކަމެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ ސާފުކޮށް ދަންނަވަން ބޭނުން. އެސޯސިއޭޝަންތަކަށް ނުވަދެވިފަ ތިބި ބަޔަކު އެބަތިބޭ، އެ މީހުން އެސޯސިއޭޝަންތަކުގެ ހިންގުންތެރިން ބަދުނާމު ކުރަނީ. އިލެކްޝަނެއް އައިސް ކުރިމަތިވީމަ އެއް ނޫން އެ މީހުން އެސޯސިއޭޝަންތައް ބޭނުންވާން ޖެހޭނީކީ އެއް. އެ މީހުންގެ މެމްބަރުންގެ ގޮތުގައި ތިބިގެން އެމީހުންނަށް ކަންކަން ކުރީމަ މިކަންކަން ވާނީ" އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ، އޮލިމްޕިކް ކޮމިޓީގެ އިންތިހާބުން އެނގިގެން ދިޔައީ ކުޅިވަރު އާއިލާ އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

މީގެ އިތުރުން، އަހުމަދު ވިދާޅުވީ، ކޮރަޕްޝަން ހުރި ކުޅިވަރު އެސޯސިއޭޝަންތައް އެބަހުރި ކަމަށާއި އެކަމަކު، ހުރިހާ އެސޯސިއޭޝަނުގައި އެކަންކަން ނެތް ކަމަށެެވެ. އެސޯސިއޭޝަންތަކުގެ ކޮރަޕްޝަނުގެ ވާހަކަތައް ދައްކާއިރު، އެސޯސިއޭޝަންތަކަށް ހުރި ދަތިތަކާއި ގޮންޖެހުންތަކުގެ ވާހަކަ ދެއްކުން ވެސް މުހިންމު ކަމަށް އަހުމަދު ދެކިލައްވަ އެވެ. ބައެއް އެސޯސިއޭޝަންތަކަކީ ބަޖެޓް ކުޑަކޮށް ލިބޭ އެސޯސިއޭޝަންތަކެއް ކަމަށާއި، އޭގެ ސަބަބުން އެސޯސިއޭޝަންތައް ރަނގަޅު އޮޑިޓެއް ކުރަން ވެސް ދަތިތަކެއް ހުންނަ ކަަމަށް އަހުމަދު ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރުގައި ގިނަ އަހަރުތަކެއް މަސައްކަތްތައް ކުރައްވާފައިވާ އަހުމަދު ވިދާޅުވީ އެސޯސިއޭޝަންތަކުގެ އޮޑިޓްގެ ކަންކަން ހައްލު ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ އެ ގޮތުން ހުރިހާ އެސޯސިއޭޝަންތަކަށް އެއް އޮޑިޓް ފާމެއް މެދުވެރިކޮށް، އޮޑިޓްގެ މަސައްކަތް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"މިހާރު މީރާ އޮޑިޓް ގެންނަން ބަލާއިރު، އެހާ ބަޖެޓެއް ނޯވޭ. މިހާރު އަޅުގަނޑުމެން އަށް އެކެއްޗެއް އެބަކިޔޭ ހިނގާށޭ އެއް ބޮޑު އޮޑިޓަރު ނަގައިގެން ހުރިހާ ތަނެއް އޮޑިޓް ކުރަން. އޭރުން އެސޯސިއޭޝަންތަކުން ކުރާކަމެއް ކުރާއިރު، އޮޑިޓަރުން އޮޑިޓް ކުރާނެ." އަހުމަދު ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތައް ރަނގަޅަށް ހިނގާނީ އެ ކުޅިވަރެއްގެ ތެރޭގައި ހިމެނޭ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.