Advertisement

އިސްކަންދަރުގެ ދަރިވަރުންތަކެއް ބޯކޮށުވި މުވައްޒަފުންނަށް ފިޔަވަޅު ނާޅައި އެންގީ އެފަދަ ކަމެއް ތަކުރާރު ނުކުރަން

3 ޖޫން 2025 - 11:57 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިސްކަންދަރު ސްކޫލްގެ ދަރިވަރުންތަކެއް: އެ ސްކޫލުގެ ބައެއް ދަރިވަރުންގެ ބޯ ގަދަކަމުން ސްކޫލުގެ މެނޭޖްމަންޓުން ކޮށުވި މައްސަލައިގައި ފިޔަވަޅު ނާޅައި އެކަން ތަކުރާރު ނުވާނެ ގޮތަށް އަމަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައި --


އިސްކަންދަރުގެ ދަރިވަރުންތަކެއް ބޯކޮށުވި މުވައްޒަފުންނަށް ފިޔަވަޅު ނާޅައި އެންގީ އެފަދަ ކަމެއް ތަކުރާރު ނުކުރަން

3 ޖޫން 2025 - 11:57 4

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށް ދިޔަ ދަރިވަރުންތަކެއްގެ ބެލެނިވެރިންނަށް ނާންގައި ސްކޫލްގެ މެނޭޖުމެންޓުން މަޖުބޫރުކުރުވައިގެން އެ ކުދިންގެ ބޮލާއި, ތުނބުޅި މަތިމަސް ގަދަކަމުން ކޮށުވި މައްސަލައިގައި އެ ކަން ކުރުވި މުވައްޒަފުންނަށް ފިޔަވަޅު ނާޅައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އަމަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ބޯކޮށުވި މައްސަލައިގައި މިނިސްޓްރީން ހިންގި ތަހުގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އަމަލު ކުރުމަށް ސްކޫލަށް އަންގާފައިވާ ކަމަށެވެ.

"އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންތައްތައް ކުރަން މިހާރު ވާނީ ސްކޫލަށް އަންގާފައި. އިތުރު ނިންމުމެއް އޭގައި ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ ސްކޫލް ކުދިންގެ ގަވާއިދަކީ ވަރަށް ގިނަ ދުވަސްވީ ގަވާއިދަކަށްވާތީ، އެ ގަވާއިދު އިސްލާހު ކުރަން ޖެހޭކަން އިސްކަންދަރު ސްކޫލުގެ މައްސަލަ ބެލިއިރު ފާހަގަކުރެވުނު ކަމަށެވެ.

އެގޮތުން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކުރިއަށް ގެންދަން ޖެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސް، ބެލެނިވެރިންގެ ހިޔާލުތައް ވެސް ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއާ ގުޅޭ ވަރަށް ގިނަ ކަންކަން ފާހަގަކުރެވުނު އިސްކަންދަރު ސްކޫލުގެ މައްސަލަ ބެލިއިރުގައި ވެސް. އެންމެ ދުވަހަކުން ނޫނޭ ބޯދިގުވާނީކީއެއް. މަހެއް ދެ މަހެއް ތިން މަހުންނޭ މިކަމެއް ވާނީ. އެ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި އޮތް ނަމަވެސް އަޅުގަނޑުމެންނަށް މި ކަންތައްތައް ހައްލު ކުރެވުނީހޭ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

"އެހެންވެ މި ބުނަނީ މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ގެންދާށޭ. އޭގެ މާނައަކީ ކުއްޖެއްގެ ބޯ ދިގުވީމަ ދެން މީގެ ފަހުން ބޯކޮށައިގެން ނުވާނެއޭ ބުނާ ބުނުމެއް ނޫން. އޭގެ މާނައަކީ އެފަދަ ސިޓިއުޝޭޝަނެއް ވެސް އެރައިޒް ނުވާނެ ފަދަ ގޮތަކަށް ސްކޫލްތަކުން ކަންތައްތައް ކުރުން."

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއްގެ ބޯ ގަދަކަމުން ކޮށުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި ކުޑަކުދިންގެ އޮމްބަޑްސްޕާސަން އޮފީހުން ވެސް ތަހުގީގު ކުރަމުންދާ ވާހަކަ ކުރިން ހާމަކުރި އެވެ. ނަމަވެސް އެ ތަހުގީގުތަކުގެ އަދާހަމަ އެ ދެ އިދާރާއިން ވެސް ހިއްސާކޮށްފައި ނުވެ އެވެ.

އިސްކަންދަރު ސްކޫލުގެ ގްރެޖުއޭޝަނަށްދިޔަ ދަރިވަރުންގެ ބޯ ސްކޫލުގެ މެނޭޖުމަންޓުން ގަދަކަމުން ކޮށުވީ ގްރެޖުއޭޝަން ފެށެން ކުޑަތަންވެފައި ވަނިކޮށެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ބޯ ކޮށުވީ ސްކޫލުގެ ފާހާނާ ތެރޭގައި ބަހައްޓައިގެންނެވެ.