Advertisement

ބީއައިސީ ބޭންކުގެ ހުށަހެޅުން ވަޒަންކުރަނީ އާ ހުށަހެޅުމެއް ލިބުމުން ކަމަށް އެމްއެމްއޭއިން ބުނެފި

2 ޖޫން 2025 - 20:01 1

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އިދާރާ: އެމްއެމްއޭއިން ބުނީ ބޯޑުން ބަލައިނުގަންނަ ހުށަހެޅުމެއް އަލުން ހުށަހަޅަން ހުރަހެއް ނެތް ކަމަށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ބީއައިސީ ބޭންކުގެ ހުށަހެޅުން ވަޒަންކުރަނީ އާ ހުށަހެޅުމެއް ލިބުމުން ކަމަށް އެމްއެމްއޭއިން ބުނެފި

2 ޖޫން 2025 - 20:01 1

ބޭންކެއް ހަދަން ކުރަން ޖެހޭ ކަންކަން ފުރިހަމަކުރަން ބީއައިސީ ބޭންކަށް ހުއްދަ ދިނީ އާ ހުށަހެޅުމެއް ލިބުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭއިން މިހެން ބުނީ އެމްއެމްއޭގެ ލައިސެންސިން ނިޒާމާ ގުޅޭ ގޮތުން ސުވާލު އުފެދޭ ގޮތަށް ހަބަރުތައް ގެނެސްދޭ ކަމަށް ބުނެ ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެމްއެމްއޭގެ ބަޔާނުގައި ސީދާ ބަޔާންކޮށްފައި ނެތް ނަމަވެސް، ބެލެވޭ ގޮތުގައި އެއީ މި ނޫހުން މިއަދު ބީއައިސީ ބޭންކާ ގުޅޭ ހަބަރާ ގުޅިގެން ނެރުނު ނޫސް ބަޔާނެކެވެ. އެ ހަބަރުގައި ވާނީ ބީއައިސީ ބޭންކުގެ ޑިއު ޑިލިޖެންސް ފެއިލްވުމުން އެމްއެމްއޭގެ ބޯޑުން ބޭންކިން ހުއްދަ ނުދޭން ނިންމި ކަމަށެވެ.

މިއީ އެމްއެމްއޭގެ ލައިސެންސިން ނިޒާމާ މެދު ސުވާލު އުފެދޭ ގޮތަށް ލިޔެފައިވާ ތެދު ނޫން ހަބަރަކަށް ހަދައި އެމްއެމްއޭއިން ބުނީ، އެ އޮތޯރިޓީން ހުއްދަ ދޫކުރަމުން އަންނަނީ ތިން މަރުހަލާއަކަށް ކަމަށެވެ. އެ މަރުހަލާތަކަކީ:

  • ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުން
  • ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުން
  • ލައިސަންސް ދިނުން

ލައިސަންސްއަށް އެދި ލިބޭ ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި އެމްއެމްއޭއިން ބަލަނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ހިއްސާދާރުންނާއި ސީނިއާ މެނޭޖުމަންޓުގެ ފިޓް އެންޑް ޕްރޮޕާއަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭނަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މި ހުށަހެޅުުން ފުރަތަމަ ވަޒަންކުރަނީ އެމްއެމްއޭގެ ލައިސެންސިން ސެކްޝަނުންނެވެ. މި ސެކްޝަނުން ދޭ ލަފާ ގެންދަނީ އެމްއެމްއޭގެ "އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިން" އަށެވެ. އެމްއެމްއޭގެ ބޯޑުން ލައިސެންސް ދެނީ އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން ގަވަރުނަރު ބޯޑަށް ހުށަހަޅައިގެންނެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، ލައިސަންސަށް އެދި ހުށަހެޅުމުން ފުރަތަމަ ދެނީ "ކޮންޑިޝަނަލް" ހުއްދައެކެވެ. މިއީ ކުންފުނި ރަޖިސްޓާ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް ދެވޭ މުއްދަތެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ބޭންކަށް އޮޕަރޭޝަން ލައިސެންސް ދެނީ އެމްއެމްއޭގެ ކޮންޑިޝަނަލް ހުއްދައިގައި ކަނޑައަޅާ މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފި ނަމަ، އޮތޯރިޓީން އެތަނެއް އެސެސްކުރުމަށް ފަހުގަ އެވެ.

ބީއައިސީ ބޭންކަކީ ކުރިން ބޮޑުން ހުއްދަ ނުދޭން ނިންމި ބަޔެއް ކަން ކަށަވަރު ވަނީ، މި ބުނާ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު ދެން ކަންކަން ހިނގާ ގޮތާ ގުޅުވާ ބަޔާނުގައި ހުރި ވާހަކަތަކުންނެވެ.

އެމްއެމްއޭއިން ބުނީ ބޯޑުން ހުއްދަ ނުދޭން ނިންމި ނަމަވެސް، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ "ކޫލިން އޮފް ޕީރިއަޑް" އެއް ގާނޫނުން ލާޒިމުނުކުރާތީ، އެ ފުރުސަތު އޮންނަ ކަމަށެވެ. އަދި މިހެން ހުށަހެޅުމެއް ލިބުމުން މުޅި އިވެލުއޭޝަން މަރުހަލާ އަލުން ހިންގޭނެ ކަަމަށާއި، ލައިސެންސް ދޭނީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުން ބޯޑުން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭގެ ބަޔާން ނިންމާލަމުން ވަނީ ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް އެ އޮތޯރިޓީން ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމުގެ ޔަގީންކަން އަރުވާފަ އެވެ.