Advertisement

ހުކުރު ވަގުތުގެ ހުރުމަތް ކެނޑޭ ގޮތަށް ރާއްޖެއަށް ފްލައިޓު ނުޖެއްސޭ ގޮތް ހަދަންޖެހޭ: މެންބަރު އިބްރާހިމް

2 ޖޫން 2025 - 10:35 12

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހުކުރު ވަގުތުގެ ހުރުމަތް ކެނޑޭ ގޮތަށް ރާއްޖެއަށް ފްލައިޓު ނުޖެއްސޭ ގޮތް ހަދަންޖެހޭ: މެންބަރު އިބްރާހިމް

2 ޖޫން 2025 - 10:35 12

ހުކުރު ދުވަހުގެ ހުކުރު ވަގުތު އެއާޕޯޓުތަކަށް މަތިންދާބޯޓު ޖެއްސުމަކީ ހުކުރު ވަގުތުގެ ހުރުމަތް ކެނޑުން ކަމަށާއި ގާނޫނުން އެކަން މަނާކުރަންޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަދަނީ އުދުހުންތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ މީގެ ކުރިން އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެސް އަދި މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އުސޫލު އޮތީ ހުކުރު ވަގުތު މަތިންދާބޯޓު ނުޖައްސާ ގޮތަށް ކަމަށެވެ.

މަދަނީ އުދުހުންތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނައިރު، ހުކުރު ވަގުތު އެއާޕޯޓުތަކަށް ބޯޓު ނުޖެއްސޭ ގޮތް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، މުސްލިމުންނަކީ ހުކުރު ދުވަސް އީދެއްގެ ގޮތުގައި ފާހަގަކުރާ އަދި މުހިންމު އަޅުކަމެއް، ހުކުރު ނަމާދު ފާހަގަކުރަމުން ގެންދާ ބައެއް، އަދާ ކުރަމުން ގެންދާ ބައެއް. އެހެންވީމާ ކުރީގައި މި ދެންނެވި ލާދީނީ ސަރުކާރުގެ ފަރާތުން މި ބަދަލުކޮށްފައި އޮތް އޮތުން ހުކުރު ގަޑީގެ ހުރުމަތްތެރިކަން ގެއްލޭ ގޮތަށް މަތިންދާބޯޓު ޖައްސާ ގޮތަށް އޮތް އޮތުން ކުރީގައި އޮތް ގޮތަށް އަލުން އިއާދަވާނެ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހެޅިގެން ދިޔުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިރައްޔިތުން ވަރަށް އެދޭނެ ކަމެއް ކަމުގައި ހަނދާންކޮށްލަ ދެން،" އިބްރާހިމް ވިދާޅުވި އެވެ.

އިބްރާޙިމް އެހެން ވިދާޅުވި ނަމަވެސް މައުމޫނުގެ ވެރިކަމުގައި ވެސް ހުކުރު ދުވަހުގެ ހުކުރު ވަގުތު ރާއްޖެއަށް މަތިންދާބޯޓު ޖައްސަ އެވެ. ހުކުރު ވަގުތު ބޯޓު ނުޖެއްސޭ ގޮތަށް އެއްވެސް އިރަކު އުސޫލެއް ހަދާފައި އޮތް ކަމެއް ނޭނގެ އެވެ.

އިބްރާހިމް ވިދާޅުވީ ހުކުރު ވަގުތު ރާއްޖެއަށް މަތިންދާބޯޓު ނުޖެއްސޭ ގޮތަށް އޮތް އޮތުން ބަދަލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބަދަލުގެ ސަބަބުން އެއާޕޯޓުގައި މަސައްކަތް ކުރާ އެތައް މުވައްޒަފުންނަކަށް ހުކުރު ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.