Advertisement

ބަންޑާރަކޮށީގައި މަރުވެފައި އޮއްވައި ފެނުނު ސިފައިންގެ މީހާ މަރުވީ އަމިއްލައަށް

2 ޖޫން 2025 - 10:10 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިފައިންގެ މީހަކު މާލޭގައި ހަރަކާތްތެރިވަނީ: ބަންޑާރަކޮށީގައި މަރުވެފައި އޮއްވައި ފެނުނު ސިފަައިންގެ މީހާ މަރުވީ އަމިއްލައަށްކަން މި ނޫހަށް ވަނީ ކަށަވަރު ކުރެވިފައި -- ފޮޓޯ: އަދަދު ފައިލް


ބަންޑާރަކޮށީގައި މަރުވެފައި އޮއްވައި ފެނުނު ސިފައިންގެ މީހާ މަރުވީ އަމިއްލައަށް

2 ޖޫން 2025 - 10:10 0

މާލޭގައި ހުންނަ ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަ ކޮށީގައި ރޭ މަރުވެފައި އޮއްވައި ފެނުނު ސިފައިންގެ މީހާ މަރުވީ އަމިއްލައަށްކަން އަދަދު އަށް އެނގިއްޖެ އެވެ.

މި ނޫހަށް އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި ބަންޑާރަކޮށީގެ ފާހާނާއެއްގެ ތެރޭގައި އަމިއްލައަށް މަރުވެފައި އޮއްވައި ފެނުނީ ލ. މާމެންދޫ، ޓޯކިއޯ، ސާޖަންޓް އިބްރާހިމް އިނާޒް، 35، އެވެ.

އޭނާ އަމިއްލައަށް މަރުވީ ބަންޑާރަކޮށީގައި 2022 ގެ ވޯލްޑް ކަޕް ބެލުމަށް ބަހައްޓާފައިވާ ސްކްރީނުގެ ސަޕޯޓަކަށް އައްސާފައި ހުރި ވާގަނޑެއް ބޭނުންކޮށްގެން ކަމަށް ވެސް މި ނޫހަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސިފައިންގެ މީހާގެ މަރުގެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، އެކަމާ ގުޅިގެން މައުލޫމާތު ދޭނީ ފުލުހުން ކަމަށެވެ.

އިބްރާހިމް އިނާޒްގެ މަރާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސިފައިންގެ މަރުކަޒުތަކަކީ ވަރަށް ރަނގަޅަށް ސެކިއުރިޓީ ބަލަހައްޓަމުންދާ ތަންތަނެވެ. ސިފައިންގެ މައި މަރުކަޒަށް ވަނުމުގެ ހުއްދަ އޮންނަނީ ސިފައިންނާއި އެމްއެންޑީއެފްއިން އެ ވަގުތެއްގައި ހުއްދަ ދޭ މީހުންނަށެވެ.