Advertisement

މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

2 ޖޫން 2025 - 09:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

2 ޖޫން 2025 - 09:25 0

އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން އިއްޔެ ކަރަންޓު ކެނޑި ސިއްހީ ހިދުމަތަށާއި މުއާސަލާތީ ހިދުމަތްތަކަށް ބުރޫ އަރައި ވިޔަފާރިތައް ހުއްޓުމަކަށް އައި މައްސަލަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ވޯޓުންނެވެ. ޝަމްހީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން 43 މެންބަރުން ވޯޓުދެއްވި އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަންނަން ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. އެކަމަކު ވެރިކަން ހިންގާ ޕާޓީގެ އަހުމަދު އަޒާން ވޯޓު ދެއްވީ މައްސަލަ ބަލައިގަތުމަށެވެ.

ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ގްރޭޓާ މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ދިޔުމަކީ މީގެ ކުރިން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިޔުމަކީ ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އޭގެއިތުރުން މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔުމުގެ ސަބަބުން މި ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ގެއްލުންވެ، އެއާޕޯޓު ހުއްޓުމަކަށް އައުމުގެ ސަބަބުން އެތައް ފަތުރުވެރިންނެއްގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާކަން ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

އެ ކުއްލި މައްސަލައިގައި އެދިފައި ވަނީ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ބެހޭ ގޮތުން މަޖިލީހުގައި ބަހުސްކޮށް އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.

އާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ އިއްޔެ މެންދުރު 12:30 ހާއިރު އެވެ. އޭގެ ފަސްގަޑިއިރު ފަހުން އިއްޔެ އިރުއޮއްސުުނުފަހުން ވަނީ މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓުގެ ހިދުމަތް އަލުން ދީފަ އެވެ. މިއީ މިފަހުގެ ތާރީހުގައި ވެސް މުޅި މާލެ ސަރަހައްދުން އެންމެ ގިނަ ވަގުތަށް ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.

މުޅި މާލެ އެއްކޮށް ބްލެކްއައުޓް ވާން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.

މި މައްސަލައާ ގުޅިގެން ހާއްސަ ތަހުގީގެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު އެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން މިއަދު މެންދުރު ހާމަކުރި އެވެ. ނަމަވެސް، ތަހުގީގުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އާންމުކޮށްފައި ނުވެ އެވެ.

އަދަދު އަށް އެނގިފައިވާގޮތުގައި ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ އިމާރާތަށް ފުލުހުންގެ އިތުރުން ސިފައިން ވެސް ގޮސް މިއަދު ހަރަކާތްތެރިވި އެވެ. ނަމަވެސް ސިފައިން އެތަނުގައި ހަރަކާތްތެރިވީ ކޮން ސަބަބަކާހުރެ ކަމެއް އަދި ނޭނގެ އެވެ.