Advertisement

ކަރަންޓު ކެނޑުމާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި

1 ޖޫން 2025 - 18:46 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ފުލުހުންގެ މައި އިދާރާ -- ފޮޓޯ: އަދަދު ފައިލް


ކަރަންޓު ކެނޑުމާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި

1 ޖޫން 2025 - 18:46 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލައާ ގުޅިގެން މާލެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އެކްސްގައި ފުލުހުން ދާދި ދެންމެއަކު ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އެ އިދާރާއިން ކުރިއަށް ގެންދާނެ ކަމަށެވެ.

"ގްރޭޓާ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ފަށައިފަ އެވެ،" ފުލުހުން ކުރި ޕޯސްޓުގައި ބުންޏެވެ.

އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:30 ހާއިރު އެވެ. އޭގެ ފަސްގަޑިއިރު ފަހުން މިހާރު ވަނީ މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓުގެ ހިދުމަތް އަލުން ދީފަ އެވެ. މިއީ މިފަހުގެ ތާރީހުގައި ވެސް މުޅި މާލެ ސަރަހައްދުން އެންމެ ގިނަ ވަގުތަށް ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.

މުޅި މާލެ އެއްކޮށް ބްލެކްއައުޓް ވާން މެދުވެރިވީ ކީއްވެގެން ކަމެއް މިހާތަނަށް ސްޓެލްކޯއިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، އެއްވެސް އިންޖީނަކަށް ނުވަތަ ޓްރާންސްފޯމަރަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވެ އެވެ.

މި މައްސަލައާ ގުޅިގެން ހާއްސަ ތަހުގީގެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު އެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން މިއަދު މެންދުރު ހާމަކުރި އެވެ. ނަމަވެސް، ތަހުގީގުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް އާންމުކޮށްފައި ނުވެ އެވެ.

އަދަދު އަށް އެނގިފައިވާގޮތުގައި ކަރަންޓަށް ދިމާވި މައްސަލައާ ގުޅިގެން ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ އިމާރާތަށް ފުލުހުންގެ އިތުރުން ސިފައިން ވެސް ގޮސް މިއަދު ހަރަކާތްތެރިވި އެވެ. ނަމަވެސް ސިފައިން އެތަނުގައި ހަރަކާތްތެރިވީ ކޮން ސަބަބަކާހުރެ ކަމެއް އަދި ނޭނގެ އެވެ.