Advertisement

އެމްއޭސީއެލްއަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ

1 ޖޫން 2025 - 10:37 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: އެމްއޭސީއެލްގެ އެންމެ ބޮޑު އެސެޓަކީ ވެލާނާ އެއާޕޯޓު -- ފޮޓޯ: އެމްއޭސީއެލް


އެމްއޭސީއެލްއަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ

1 ޖޫން 2025 - 10:37 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެމްއޭސީއެލްގެ މިދިޔަ އަހަރުގެ މާލީ ބަޔާންތަކުގައި އޮޑިޓުގައި ހުރި ހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ އަހަރު އެ ކުންފުންޏަށް 8.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު އާމްދަނީއަށް ވުރެ ގާތްގަނޑަކަށް ބިލިއަނެއްހައި ރުފިޔާ އިތުރު އަދަދެކެވެ.

އެމްއޭސީއެލްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލް ވިއްކައިގެންނެވެ. ޖެޓް ފިއުލް ވިއްކައިގެން މިދިޔަ އަހަރު 4.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، މިއީ ޖުމްލަ އާމްދަނީގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް ދައްކަން ފާސްކުރީ 75 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ޑިވިޑެންޑުގެ ގޮތުގައި ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކަ އެވެ.

މިދިޔަ އަހަރަށް ފާސްކުރި ޑިވިޑެންޑުގެ އިތުރުން، ސަރުކާރަށް 150 މިލިއަން ރުފިޔާ ދައްކާފައި ވެ އެވެ. މިއީ އޭގެ ކުރީ އަހަރުތަކުގައި ނުދައްކައި ހުރި ޑިވިޑެންޑުގެ ތެރެއިން ދެއްކި އަދަދެކެވެ. އަދި ވެސް ބާކީ 268 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހެ އެވެ.

އެމްއޭސީއެލްއިން ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިސާއިން ބަޔެއް ދައުލަތުގެ ޓްރެޝަރީ ބިލު (ޓީބިލު) ތަކާއި ބޮންޑުތަކަށް އިންވެސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ޑޮލަރު ބޮންޑަކަށް އިންވެސްޓު ކުރި 30 މިލިއަން ޑޮލަރު ހިމެނެ އެވެ.

ކުންފުނީގެ މާލީ ހާލަތު ޖުމްލަކޮށް ރަނގަޅު ނަމަވެސް، ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ގިނަ އަދަދެއްގެ ދަރަނި ކުންފުނީގެ ނަން މަތީގައި އެބަހުއްޓެވެ. މީގެ ތެރެއިން ގިނަ ލޯނުތަކަކީ މަސައްކަތް ނިމުމާ މިހާރު ގާތްވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭގެ މަސައްކަތްތަކަށް ނަގާފައި ހުރި ލޯނުތަކެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުނީގެ ދަރަނި ހުރީ 13.4 ބިލިއަން ރުފިޔާގަ އެވެ.