Advertisement

މާލެ ސަރަހައްދުގައި އުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މިއަހަރު ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު: މާލެ ސަރަހައްދުގައި އުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ބޯހިޔާވެހިކަމަށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


މާލެ ސަރަހައްދުގައި އުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މިއަހަރު ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނަން: ރައީސް

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް މި އަހަރު ތެރޭގައި ބޯހިޔާވެހިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައި، ބޯހިޔާވަހިކަން ލިބުނުކަމުގެ ލިޔުން މި އަހަރުގެ ނިޔަލަށް ދޫކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

"އަޅުގަނޑުގެ ވައުދު ފުއްދުމަށް 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް މާލޭގެ ރައްޔިތުން، މާލޭގެ ރަށްވެހިން އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުރަތަމަ ގެ، ފަސްޓް ހޯމް، އެއްވެސް ބޯހިޔާވެހިކަމެއް ނެތް 18 އަހަރުން މަތީގެ ރައްޔިތުންނަށް މިދެންނެވީ މުޅި މާލެ ސަރަހައްދުން ގްރޭޓާ މާލެ އޭރިއާ ރަސްމާލެ ހިމެނޭ ގޮތަށް ގޯތި ނުވަތަ ފްލެޓް ކަށަވަރު ކޮށްދިނުމަށް ހުޅުވާލާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ހުޅުވާލައި އެ ފަރާތްތައް ކުރިމަތިލައި އެ ފަރާތްތަކަށް ރަސްމީ ގޮތުން އަޅުގަނޑުމެން ކަށަވަރު ކަމުގެ ލިޔުން ދޭނަން އިނގޭތޯ. ލިޔުން ދޭނަން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރީގައި. އެއީ ޓާގެޓަކީ."

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އަމާޒަކީ މާލެ ސަރަހައްދުގައި 18 އަހަރުން މަތީގެ އެއްވެސް މީހަކަށް ބޯހިޔާވެހިކަމެއް ކަށަވަރުނުވެ ނެތުން ކަމަށެވެ.

އިތުރު 57 ރަށެއްގައި ހައުސިން މަޝްރޫއު ހިންގަން އިއުލާން ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއުތަކުގެ ބިޑުތައް އީދު ބަންދަށްފަހު ބަލައިގަންނަން ނިންމާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ހުޅުވާލީ 57 ރަށެއްގައި 12،000 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.

މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 1.5 ބިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކޮށް، މި ދައުރުގެ ތެރޭގައި ހުރިހާ އެންމެންނަށް ބޯހިޔާވެހިކަން ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.