Advertisement

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުން ފްރީ ޓްރޭޑާއި މަސް ބޭރު ކުރުން ގެއްލިއްޖެ

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގައި ދެ ގައުމުން މަޝްވަރާކުރުން: މި މަޝްވަރާތައް ކުރިއަށް ދިޔައީ މާލޭގައި -- ފޮޓޯ؛ ފޮރިން މިނިސްޓްރީ


ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުން ފްރީ ޓްރޭޑާއި މަސް ބޭރު ކުރުން ގެއްލިއްޖެ

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ދިވެހި ސަރުކާރުން އިނގިރޭވިލާތާއެކު ބާއްވާ މަޝްވަރާތަކުން ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ގުޅޭ ވާހަކަތައް ގެއްލިއްޖެ އެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން މަޝްވަރާ ފެށީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ދެވަނަ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރެ އެވެ.

ބުދަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާ ނުކޮށް އިސްކަން ދިނީ އިނގިރޭސިވިލާތުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި ވިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށެވެ.

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ ސޯލިހުގެ ވެރިކަމުގައި ފެބްރުއަރީ 20، 2023 ގަ އެވެ. އެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ޓްރޭޑިން ޕާޓްނަރުންގެ ގޮތުގައި ދެ ގައުމު ހަރަކާތްތެރިވުމަށް ނިންމި އެވެ.

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ފުރަތަމަ ބައްދަލުވުމަށްފަހު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލީ ޖޫން 8، 2023 ގަ އެވެ.

މިގޮތުން ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަމާއި ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ހިޔާލު ހުށަހެޅުމަށް އަށް ހަފްތާގެ މުއްދަތެއް އޭރު ދިނެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 ޕަސެންޓު ޓެކްސް ކަނޑައިލުމަށްޓަކައި މިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ.

އެކަމަކު މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާއިރު، އެއީ މި ސަރުކާރުން އިސްކަން ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަން ސާފެއް ނުވެ އެވެ.

މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައިނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމެނެ އެވެ.