Advertisement

މީހުންގެ މެސެޖުތަކަށް ޖަވާބު ނުދެނީ އިމޯޝަނަލް ވާން ބޭނުން ނުވާތީ: މުއްތަލިބު

އިއްޔެ ރައީސް އޮފީސް އެނެކްސް ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވާހަކަދައްކަވަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ


މީހުންގެ މެސެޖުތަކަށް ޖަވާބު ނުދެނީ އިމޯޝަނަލް ވާން ބޭނުން ނުވާތީ: މުއްތަލިބު

މާލޭގައި މީހުން ދިރިއުޅޭ ހާލަތު ފެނުމުން، މީގެ ކުރިން އެމީހުންނާއެކު ރޮއިފައި ވެސް ހުންނާނެ ކަމަށާއި، މީހުންގެ މެސެޖުތަކަށް މިހާރު ޖަވާބު ނުދެއްވަނީ އެ ޖަޒުބާތުގައި ޖެހި، ނިންމާ ނިންމުންތަކަށް އަސަރު ކޮށްފާނެތީ ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ އެނެކްސް ބިލްޑިންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ މީގެ ކުރިން މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގުރާމުގެ ތެރެއިން ވަރަށް ގިނަ މީހުންނާ ބައްދަލުވެ އެމީހުން ދިރިއުޅޭ ހާލު ފެނުނު ކަމަށެވެ.

އޭގެ ތެރެއިން ބައެއް މީހުން ދިރިއުޅޭ ހާލަތު ކިޔައިދިނުމުން އެމީހުންނާއެކު ރޮއިފައި ވެސް ހުންނާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. މީހުންގެ މެސެޖުތަކަށް މިހާރު ޖަވާބު ނުދެއްވަނީ އެ ޖަޒުބާތުގައި މިހާރު ޖެހެން ބޭނުން ނުވާތީ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑު ވެށިފަހި މާލެ އަޅުގަނޑު މީހުންނާ އެއްކޮށް ހަމަ ރޮއިފައި ހުންނާނެ އެއްކޮށް ކޮޓަރި ތެރޭގައި މީހުންގެ، ކިޔައިދިނީމާ ހާލަތު ކަންތަކާ، އެހެންވީމާ އަޅުގަނޑު ބޭނުންނުވޭ މިހާރު މިހުރި ސިޗުއޭޝަންގައި މީހުންނާ ބައްދަލުކޮށް މީހުންނާ މިހެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެ އިމޯޝަން ތެރެއަށް އަޅުގަނޑު ވަދެގެން ނަގާ ޑިޒިޝަނަކަށް އިފެކްޓު ކުރާކަށެއް، އެހެންވީމާ އަޅުގަނޑު އެކަން ނުކުރަނީ،" މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ މީހުންގެ މެސެޖުތަކަށް ޖަވާބު ނުދެއްވި ނަމަވެސް، އެ މެސެޖުތައް ބަރާބަރަށް ވިދާޅުވާ ކަމަށެވެ.

"އަޅުގަނޑު އަދި ޖަވާބު ނުދިނަސް، އަޅުގަނޑު އެ މެސެޖުތަކާ އެއްޗެހި އަޅުގަނޑު ކިޔަން، އަޅުގަނޑު ޖަވާބު ނުދެނީ އަޅުގަނޑު އަސްލު އެ އިމޯޝަނަލް ކަންތައްގަނޑުގެ ތެރެއަށް ވަންނަން އެހާ ބޮޑަށް ބޭނުން ނުވަނީ، އެއީ،" މުއްތަލިބު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ އިތުރު ލިސްޓެއް ނުނެރެން ނިންމައި، އެމްޑީޕީ ސަރުކާރުން ނެރުނު ލިސްޓުގައި ތިބި ހުރިހާ އެންމެންނަށް ފްލެޓު ދޭން ނިންމައިފަ އެވެ.

އެ ލިސްޓުން އުނިކުރަން މިހާރު ނިންމާފައި ވަނީ މާލޭގައި އުޅުނު ކަމަށް ބުނެ ލިޔުން ހުށަހަޅާފައި ތިބި މީހުންގެ ތެރެއިން، އެހެން ރަށްރަށުގައި ވަޒަންވެރިވެ ދިރިއުޅޭކަން ދައުލަތަށް ސާބިތުވާ މީހުންނާއި އެހެން ފުލެޓެއް ނުވަތަ ބިމެއް އޮތް މީހުންނާއި އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް މާލެ ސަރަހައްދުން ބިމެއް ލިބިފައި ތިބި މީހުންނެވެ.

މުއްތަލިބު ވިދާޅުވީ އެ ހުރިހާ އެންމެންނާ ވެސް ހައުސިން މިނިސްޓްރީން ރަސްމީކޮށް ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެމީހެއްގެ ޝަރުތު ހަމަނުވާ ކަމަށް މިނިސްޓްރީއަށް ގަބޫލު ކުރެވޭ ސަބަބު ވެސް ލިޔުމުން އަންގާނެ ކަމަށެވެ. އެއަށްފަހު މިނިސްޓްރީގެ ނިންމުން ގޯސް ކަމަށް ގަބޫލު ކުރެވޭ ނަމަ އެޕީލް ކުރުމުގެ ފުރުސަތު ވެސް އެމީހަކަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓު ލިބޭ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗެއް ލިބިފައި އޮންނަ ހާލަތުގައި، އެމީހަކު އެ ބިން ދޫކޮށްލަން އެއްބަސްވާނަމަ، އެމީހަކަށް ފްލެޓު ލިބޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.