Advertisement

ނުވަ އަހަރު ފަހުން ބެންގަލޫރު އައިޕީއެލްގެ ފައިނަލަށް

29 މޭ 2025 - 21:57 0


ނުވަ އަހަރު ފަހުން ބެންގަލޫރު އައިޕީއެލްގެ ފައިނަލަށް

29 މޭ 2025 - 21:57 0

ޕަންޖާބު، އިންޑިއާ (މެއި 29) - ޕަންޖާބް ކިންގްސް އަށް ވިކެޓުން ބަލިކޮށް، ނުވަ އަހަރު ފަހުން ރޯޔަލް ޗެލެންޖާސް ބެންގަލޫރުން އިންޑިއަން ޕްރިމިއާ ލީގުގެ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

މިއީ، 18 އަހަރުވީ އައިޕީއެލްގެ ތާރީހުގައި، ބެންގަލޫރުން ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. ފައިނަލުގައި، 2009، 2011 އަދި 2016 ވަނަ އަހަރު ކުޅެ ބެންގަލޫރަށް އައިޕީއެލް ގެއްލުނީ، ޑެކަން ޗާޖާސް، ޗެންނާއި ސުޕަ ކިންގްސް އަދި ސަންރައިޒާސް ހައިދަރުއާބާދު އަތުން ބަލިވުމުންނެވެ.

މި ފަހަރުގެ ފައިނަލުގައި، ބެންގަލޫރާ ކުޅޭނެ ޓީމެއް އެނގޭނީ ޕަންޖާބާ ދެކޮޅަށް، މުމްބައި އިންޑިއަންސް ނޫނީ ގުޖުރާތު ޓައިޓަންސް ކުޅޭ ކޮލިފަޔާ ދޭކުންނެވެ.

މުލަންޕޫރުގެ މަހަރާޖާ ޔަދަވިންދުރަ ސިންގް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި، މިރޭ ކުޅުނު މެޗުގައި، ބެންގަލޫރަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. ޕަންޖާބުން ކުޅެން އަރައި، 14.01 އޯވަރުގެ ތެރޭގައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 101 ލަނޑެވެ. އެ ޓީމުން އެންމެ ގިނަ ލަނޑު ހޯދައިދިން، މާކަސް ސްޓޮއިނިސް ނުބައިވީ، 17 ބޯޅައިން 26 ލަނޑަށެވެ.

މި އިނިންގްސްގައި، ބެންގަލޫރުގެ ޖޯޝް ހޭޒަލްވުޑް އާއި ސޫޔަޝް ޝަރްމާ ވަނީ ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި ބެންގަލޫރު މޮޅުވީ، 10 އޯވަރު ތެރޭ ދެ ކުޅުންތެރިން ނުބައިވިއިރު، 106 ލަނޑު ހަދައިގެންނެވެ. ބެންގަލޫރުގެ ތަރި ވިރާތު ކޯލީ، 12 ބޯޅައިން 12 ލަނޑަށް ނުބައިވިއިރު، އޭނާއާ އެކު އޯޕަނިން ބެޓްސްމަނަކަށް އެރި، ފިލް ސޯލްޓް ވަނީ، ނުބައިނުވެ، 27 ބޯޅައިން 56 ލަނޑު ހަދައިފަ އެވެ.