29 މޭ 2025 - 13:21 2
އަހުމަދު އާއިދު
ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި މާލޭގައި ހުރި ގެއެއް ބަލައިފާސްކުރަނީ: އެ އޮޕަރޭޝަނުގެ ދަށުން ހައްޔަރުކުރީ ތިން މީހުން އަދިވެސް ތިބީ ބަންދުގައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
29 މޭ 2025 - 13:21 2
ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސަލާމަތީ ބާރުތަކުން މިދިޔަ ރޯދަމަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުނެފި އެވެ.
މާޗު 10، ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި މި އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވި އެވެ.
އަދަދު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޖުމްހުރީ މައިދާން ސަރަހައްދުން ބަލާ ފާސްކުރި ލޮރީއެއް ދުއްވަން އިން މީހަކާއި ގަލޮޅުގައި ހުންނަ ގެއަކުން މީހެއް އަދި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފުލެޓަކުން މީހެކެވެ.
މި މައްސަލައިގެ ތަފުސީލު ހޯދުމަށް ސުވާލުކުރުމުން ފުލުހުންގެ މީޑިއާ ޓީމުން ބުނީ، ހައްޔަރުކުރި ތިން މީހުން ތިބީ ބަންދުގައި ކަމަށެވެ. އޭގެތެރެއިން ދެ މީހަކު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ތިންވަނަ މީހާގެ ބަންދު ތަކުރާރުކޮށް ކޯޓުން އިތުރުކޮށްދީފައިވާއިރު އެންމެ ފަހުން އޭނާގެ ބަންދަށް ޖެހީ 30 ދުވަހެވެ.
އޮޕަރޭޝަނަށް ތިން މަސް ވާން ގާތްވެފައިވާއިރު، މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އޮޕަރޭޝަނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
މި އޮޕަރޭޝަނުގެ ދަށުން އެންމެ ފުރަތަމަ ބަލައި ފާސްކުރީ ޖުމްހޫރި މައިދާން ސަރަހައްދުން ދިޔަ ލޮރީތަކެކެވެ. ހައްޔަރުކުރި އެކަކަކީ މި ތަނުން އެއް ލޮރީ ދުއްވަން ހުރި މީހާ ކަން އެ ރޭ އެއްކުރި މައުލޫމާތުން ވަނީ ދެނެގަނެވިފަ އެވެ.
ސަލާމާތީ ބާރުތަކުން ބަލައިފާސްކުރި އެހެން ތަންތަނުގެ ތެރޭގައި ހިމެެނެނީ ވިނަރެސް ފްލެޓަކާއި ޝަބްނަމް މަގުގައި ހުރި ގެއަކާއި ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ އިތުރުން ހުޅުމާލެ ފޭސް ދޭކާއި އެއްވެފައި އޮންނަ ފަރުކޮޅުފުށި ސަރަހައްދެވެ.
މި އޮޕަރޭޝަން ހިންގި ދުވަހު ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނީ, އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން, މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު, ހާމަކުރެވެން ހުރި މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް އެ ފަހުން މި އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަނުކުރެ އެވެ.
މި ފަހަކަށް އައިސް ފުލުހުން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު ހާމަކޮށް, އެ މީހުންނަށް ތުހުމަތުކުރެވޭ މައްސަލައިގެ ބައެއް ތަފުސީލުތައް އާންމުކުރެ އެވެ. ނަމަވެސް މި މައްސަލައިގައި އެ ގޮތަށް އަމަލުކޮށްފައި ނުވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
Comment