Advertisement

ބީއެމްއެލްގެ ހިއްސާއަކަށް 55ރ. މަގުން ރެކޯޑު ފައިދާއެއް ބަހައިފި

29 މޭ 2025 - 12:05 0

ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް: މިދިޔަ އަހަރަކީ ބޭންކަށް މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު --- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ބީއެމްއެލްގެ ހިއްސާއަކަށް 55ރ. މަގުން ރެކޯޑު ފައިދާއެއް ބަހައިފި

29 މޭ 2025 - 12:05 0

ސަރުކާރާއި އާންމުން ހިއްސާވަ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާއަކަށް 55ރ. މަގުން 296 މިލިއަން ރުފިޔާ ބެހުމަށް އެ ކުންފުނީގެ ހިއްސާދާރުން ނިންމައިފި އެވެ.

މިއީ ބީއެމްއެލްގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. މިދިޔަ އަހަރަކީ އެ ކުންފުންޏަށް އެންމެ ބޮޑު ސާފު ފައިދާއެއް ލިބުނު އަހަރެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު 2.2 ބިލިއަން ރުފިޔާ ސާފު ފައިދާވި އެވެ.

ރޭ ބޭއްވި ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބޭންކުން ރެކޯޑު ފައިދާއެއް ބަހަން ނިންމުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފުގެ ޝުކުރު ބަސްތައް ރައްދުކުރެއްވީ ބޭންކުގެ ކަސްޓަމަރުންނަށާއި މުވައްޒަފުންނަށެވެ.

"މި ރެކޯޑު އަދަދުގެ ފައިދާއަކީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ. ބޭންކަށް ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އެއްބާރުލެއްވުމަށާއި ކުރައްވާ އިތުބާރަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ބޭންކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައި ޝަރީފް ވިދާޅުވީ ހުރިހާ ބޭންކަކަށް ޖަމާކޮށްފައި ހުރި ޖުމްލަ ޑިޕޮސިޓުތަކުގެ ތެރެއިން 58 ޕަސެންޓު ހުރީ ބީއެމްއެލްގައި ކަމަށެވެ.

އެ ގޮތުން ބޭންކުގެ ޖުމްލަ އެސެޓު 48 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ހުރިއިރު، ކަސްޓަމަރުންގެ ޑިޕޮސިޓުގެ ގޮތުގައި 32 ބިލިއަން ރުފިޔާ އެބަހުރި ކަަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 58 ޕަސެންޓުގައި ހުރިއިރު، މިއީ ގާނޫނުން ލާޒިމުކުރާ ވަރަށް ވުރެ ވެސް މަތީ މިންގަނޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން 21،000 އަށްވުރެ ގިނަ އާ ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވެ އެވެ. މީގެ އިތުރުން ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ.