29 މޭ 2025 - 08:43 0
އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ދިވެހި ދަރިވަރުންނަށް ލިބޭ ސްކޮލާޝިޕްގެ ފުރުސަތު އިތުރު ކުރަން ވެސް މަޝްވަރާ ކުރި -- ފޮޓޯ: ފޮރިން މިނިސްޓްރީ
29 މޭ 2025 - 08:43 0
ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ދިވެހި ސަރުކާރުން އިނގިރޭވިލާތާއެކު ބާއްވާ މަޝްވަރާތަކުގައި، ދިވެހިންނަށް ވިސާ ލިބުމަށް ކުރިމަތިވަމުންދާ ދަތިތައް ހައްލު ކުރުމަށް ވާހަކަ ދައްކައިފި އެވެ.
އިނގިރޭސިވިލާތަށް ދަތުރު ކުރާ ދިވެހިންނަށް ހަ މަހުގެ ވިސާއެއް ލިބެ އެވެ. އެކަމަކު، އިނގިރޭސިވިލާތުގެ އާ ސަރުކާރުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލުތަކާއެކު، ބައެއް މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ކިޔަވަންދާ ދަރިވަރުންގެ ޑިޕެންޑަންޓުންނަށް ވިސާ ނުލިބުން ހިމެނެ އެވެ.
ފޮރިން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ވެރިރަށް މާލޭގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވިސާ އާއި އިމިގްރޭޝަންގެ ބައެއް މައްސަލަތައް ސަރުކާރުން ފާހަގަ ކުރި ކަމަށެވެ. އެކަންކަމަށް ހައްލު ހޯދަން ދެ ގައުމުން ވެސް މަސައްކަތް ކުރަން އެ ބައްދަލުވުމުގައި އެއްބަސްވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެ އެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތައް ކިޔަވަންދާ ދަރިވަރުންގެ އަދަދު އިތުރުވާކަން ފާހަގަކޮށް، ދަރިވަރުންނަށް ޝެވެނިން އަދި ކޮމަންވެލްތު ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރު ކުރަން ވެސް އިއްޔެ ދެ ގައުމުން މަޝްވަރާ ކުރި އެވެ.
އޭގެ އިތުރުން ވެސް ބައެއް މުހިންމު ކަންކަމާ ގުޅޭ ގޮތުން އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ. އޭގެ ތެރޭގައި ސަރަހައްދީ ސަލާމަތާ ގުޅޭ ކަންކަމާއި އެކްސްޓްރީމިޒަމް އާއި ކައުންޓާ ޓެރަރިޒަމް އާއި ރޭވިގެން ހިންގާ ކުށްތަކާ ގުޅޭ ގޮތުން ކުރިއަށްގެންދިޔަ މަޝްވަރާތައް ހިމެނެ އެވެ.
އެ ދާއިރާއިން ކުރި މަޝްވަރާތަކުގެ ތެރޭގައި، ދިވެހި ސަލާމަތީ ބާރުތަކުގެ ގާބިލްކަން އިތުރު ކުރަން އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ. އަދި އިނގިރޭސިވިލާތުން ސަލާމަތީ ބާރުތަކަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީ، ޕޮލިސިން، ޑިފެންސް އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ތަމްރީނު ދިނުމަށް ވެސް އިނގިރޭސިވިލާތުން އެއްބަސްވި އެވެ.
އެ ބައްދަލުވުމުގައި، އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ރަނގަޅުވަމުންދާކަން ފާހަގަކޮށް އިތުރަށް އެ ގުޅުން ވަރުގަދަ ކުރަން ދެ ގައުމުން މަޝްވަރާ ކުރި އެވެ. އަދި އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާތައް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރަން ވާހަކަ ދެކެވުނެވެ.
Comment