ބާސެލޯނާ (މެއި 29) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރެޝްފޯޑްގެ އޭޖެންޓް، ޕިނީ ޒަހާވީ އާއި ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ ބައްދަލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި، ލޯނު އެއްބަސްވުމެއްގެ ދަށުން ރެޝްފޯޑް، 27، އެސްޓަން ވިލާ އަށް ބަދަލުވީ، ސީޒަނުގެ މެދުތެރެއިން ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމްރޮމްއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. ޔުނައިޓެޑާ އެކު ރެޝްފޯޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.
ވިލާގެ ލޯން އެއްބަސްވުން ނިންމާލައިފައިވާއިރު، ރެޝްފޯޑް އެނބުރި ޔުނައިޓެޑަށް ގޮސް އަމޮރިމްގެ ކޯޗުކަމުގައި ކުޅުމުގެ ފުރުސަތެއް ނެތެވެ. އެހެންވެ، އަންނަ ސީޒަނުގައި ވެސް ރެޝްފޯޑް ޔުނައިޓެޑުން ނޫން ޓީމަކަށް ކުޅެން ޖެހިފައިވާއިރު، އޭނާ އަންނަނީ އެކި ޓީމުތަކުގެ ޕްރޮޕޯސަލްތައް ބަލަމުންނެވެ.
ރެޝްފޯޑް ވަނީ ޖެނުއަރީގައި ވެސް ބާސެލޯނާ އަށް ދިއުމުގެ ފުރުސަތެއް އޮތްތޯ މަޝްވަރާ ކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން 50 މިލިއަން ޑޮލަރު ހުށަހަޅައިފިނަމަ، ޔުނައިޓެޑުން ރެޝްފޯޑް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ. އެ ގޮތުން، ޑެކޯ ވަނީ ރެޝްފޯޑްގެ ޑީލް ކުރިއަށްގެންދެވޭނެ ގޮތުގެ މަޝްވަރާތަކެއް ކުރުމަށް ސްޕެއިނުގައި، ޒަހާވީއާ ބައްދަލުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާ އިން ރެޝްފޯޑް ގެންދާނަމަ، އެ ޑީލް ކުރިއަށްދާން އޮތީ ޔުނައިޓެޑުން މިހާރު ރެޝްފޯޑަށް ދޭ މިންވަރަށް ވުރެ ކުޑަ މުސާރަ އަކަށެވެ. ޔުނައިޓެޑްގައި މި ވަގުތު ރެޝްފޯޑް ހުރީ ހަފްތާ އަކު، 350،000 ޑޮލަރު ލިބޭ ގޮތަށެވެ.
ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ކުޑަ މުސާރަ އަކަށް ވެސް ބާސެލޯނާ އަށް ދާން ރެޝްފޯޑް ބޭނުންވެ އެވެ.
ލިވަޕޫލްގެ ކޮލަމްބިއާ ފޯވާޑް، ލުއިސް ޑިއާޒަށް ވެސް ބާސެލޯނާ އިން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެ ޑީލުން ވަނީ ބޭރުވެފަ އެވެ. އެއީ، ލިވަޕޫލުން ޑިއާޒް ވިއްކަން ކިޔާ އަގު ބޮޑުވުމުންނެވެ. ޑިއާޒް، ވިއްކާލަން ލިވަޕޫލުން މަދުވެގެން 80 މިލިއަން ޑޮލަރު ޑިމާންޑްކުރެ އެވެ.
Comment