Advertisement

ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް ގެންނަން ދޯނީ ފުންކޮށް ވިސްނަނީ

29 މޭ 2025 - 08:10 0


ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް ގެންނަން ދޯނީ ފުންކޮށް ވިސްނަނީ

29 މޭ 2025 - 08:10 0

ޗެންނާއި، އިންޑިއާ (މެއި 29) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޗެންނާއި ސުޕަ ކިންގްސް އަށް ކުޅެމުން އަންނަ މަހިންދުރަ ސިންގް ދޯނީ، ކުރިއަށް އޮތް މަސްތަކުގައި، ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް ގެނައުމާ މެދު ވަރަށް ފުންކޮށް ވިސްނާނެ ކަމަށް ބުނެފި އެވެ.

އަންނަ ޖުލައި މަހު 44 އަހަރު ފުރޭ، ދޯނީ، މީގެ ފަސް އަހަރު ކުރިން، އިންޑިއާ ގައުމީ ކްރިކެޓް ޓީމަށް ހުރިހާ ފޯމެޓެއްގައި ކުޅުން ހުއްޓާލި އެވެ. އެކަމަކު، އޭނާ އަންނަނީ އިންޑިއާގައި ކުރިއަށްދާ ފްރެންޗައިސް ކްރިކެޓް ލީގު، އައިޕީއެލްގައި ކުޅެމުންނެވެ. އައިޕީއެލްގައި މި ނިމުނީ ދޯނީގެ 18 ވަނަ ސީޒަނެވެ.

އައިޕީއެލް ފެށިގެން މިހާތަނަށް އައި ހުރިހާ ސީޒަނެއްގައި ވެސް ކުޅެފައިވާ ދޯނީ ވަނީ ޗެންނާއިއާ އެކު، ފަސް ފަހަރު އައިޕީއެލް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މިދިޔަ ދެ އަހަރަކަށް ބަލާނަމަ، ދޯނީގެ ފޯމު އަންނަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

"ނިންމަން ޖެހޭ ނިންމުމާ މެދު ގޮތެއް ކަނޑައަޅަން އަވަސްއަރުވާލައިގެން ނޫޅެން. ކޮންމެ އަހަރަކު އިތުރު 15 ޕަސެންޓް އަހަރެން ދޭން އެބަޖެހޭ ފިޓްވާން. ހަދާން ނައްތާލައިގެން ނުވާނެ މި ދައްކަނީ އެންމެ މަތީ ލެވަލްގެ ކްރިކެޓްގެ ވާހަކަ. އަމިއްލަ ނަފްސަށް ޔަގީންކަން އޮންނަންޏާ ކުޅެންވީ، ހަމައެކަނި، ކުޅުމަށް ބަލައިގެން ރިޓަޔާކުރަންޏާ 22 އަހަރުގައި ވެސް އެކަން ކުރަން ޖެހޭ ކުޅުންތެރިން އެބަތިބި،" އިންޑިއާގެ ކްރިކެޓްގެ ލެޖެންޑް، ދޯނީ ބުންޏެވެ.

"ކުރިއަށް އޮތް މަސްތަކުގައި އަހަރެން ކުރިމަތީގައި ވަރަށް ގިނަ ކަންކަން އެބައޮތް ކްރިކެޓްގައި ގޮތެއް ނިންމަން ޖެހޭ، މި ދަނީ ފުންކޮށް ވިސްނަމުން،"

ޗެންނާއިގެ ކޯޗު ސްޓެފަން ފްލެމިން ދެކޭގޮތުގައި، ދުނިޔޭގެ ކްރިކެޓްގައި ފެނުނު އެންމެ ވަރުގަދަ އެއް ބެޓްސްމަން ދޯނީ މިހާރު ހުރީ 10 އޯވަރުގައި ކުޅެވޭ ލެވަލްގައި ނޫން ކަމަށާއި ކެރިއަރާ މެދު ގޮތެއް ނިންމުމުގައި އޭނާ އަމިއްލަ ނަފްސަށް ތެދުވެރިވާން ޖެހޭ ކަމަށެވެ.