Advertisement

އިނގިރޭސިވިލާތުގެ އެމްބެސެޑަރު ޕީއެންސީގެ ލީޑަރުންނާ ބައްދަލު ކުރައްވައިފި

28 މޭ 2025 - 15:24 0

އެމްބެސެޑަރު ނިކް ލޯ ޕީއެންސީގެ އޮފީހުގައި: ދިވެހި ސަރުކާރާއެކު ވެސް ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: ޕީއެންސީ


އިނގިރޭސިވިލާތުގެ އެމްބެސެޑަރު ޕީއެންސީގެ ލީޑަރުންނާ ބައްދަލު ކުރައްވައިފި

28 މޭ 2025 - 15:24 0

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު ނިކް ލޯ، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އިސް ވެރިންނާ ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ނިކް ލޯގެ އިތުރުން، އިނގިރޭސިވިލާތުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޑިރެކްޓަރު ބެން މެލޯ ވެސް ބައިވެރިވެވަޑައިގަތެވެ.

ޕީއެންސީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އާއި ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް އެވެ.

އެ ބައްދަލުވުމުގައި، ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ޕީއެންސީ އިން އިސްކަން ދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ. އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރަން ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާތީ، އެމްބެސެޑަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އިނގިރޭސިވިލާތުގެ އެމްބެސެޑަރު، ވެރިކަން ހިންގާ ޕާޓީއާ ބައްދަލު ކުރެއްވިއިރު، އެ ގައުމުން ވަނީ މިފަހުން ދިވެހި ފުލުހުންނަށް އަދި ސަރުކާރަށް އަމާޒުކޮށްގެން، ޓެރަރިޒަމްއާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

އޭގެ އިތުރުން، އިނގިރޭސިވިލާތުން ދިވެހި ސަރުކާރާއެކު ރަސްމީ ބައްދަލުވުމެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާ ބައްދަލުވުމެކެވެ.