Advertisement

އަގުބޮޑު އަޕްގްރޭޑަކަށްފަހު ޕީއެންސީގެ އޮފީސް ހުޅުވައިފި

މިދިޔަ އަހަރުގެ ނޮވެމްބަރު 14، ގައި ޕީއެންސީ އިން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން ---- ފޮޓޯ: އަދަދު


އަގުބޮޑު އަޕްގްރޭޑަކަށްފަހު ޕީއެންސީގެ އޮފީސް ހުޅުވައިފި

އަގުބޮޑު މަރާމާތަކަށްފަހު ޕީއެންސީގެ ޖަގަހަ ހިންގަމުންދިޔަ އިމާރާތުގައި އެ ޕާޓީގެ އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.

މިރޭ ބޭއްވި ޖަލްސާއެއްގައި މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ތިއްބެވި އެވެ.

އެންމެ ފުރަތަމަ އެމްޑީޕީގެ ހަރުގެ ހިންގި މި އިމާރާތުގައި ފަހުން، އެ ޕާޓީން ވަކިވެ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއް ވެސް ހިންގި އެވެ. ޕީއެންސީ އިން އެ ބިން ނެގީ ރިޔާސީ އިންތިހާބަށްފަހު އެވެ.

މިރޭ އެ ބިމުގައި އިމާރާތް ކޮށްފައިވާ ޕީއެންސީގެ އޮފީސް ހުޅުވިއިރު، އެއީ ހަތަރު ބުރީގެ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތް އެޅުމަށް ޕީއެންސީ އިން ބޮޑު ހަރަދެއް ކުރި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ކުރި ހަރަދުގެ ސީދާ އަދަދެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމުގެ ޖަލްސާގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ޕީއެންސީގެ އާންމު މެންބަރުން ވެސް ބައިވެރިވި އެވެ.

މިދިޔަ އަހަރު ނިމުނުއިރު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 74،048 މެންބަރުން ތިއްބެވެ. އެ ޕާޓީ އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ 3،000 މެންބަރުންނެވެ. އެ އަދަދު އެހާ ބޮޑަށް އިތުރުވީ އޭރު މައި ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އުވާލައި އެ ޕާޓީގެ ދަފުތަރު އެކީހެން ޕީއެންސީއާއި ގުޅުމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ތިބި މެންބަރުންނާއި އަޅާކިޔާއިރު ޕީއެންސީއަށް އަހަރުގެ ބާކީ ދުވަސްތަކުގެ ތެރޭގައި އިތުރުވީ 5،383 މެންބަރުންނެވެ.