Advertisement

އައްޑޫ ލިންކްރޯޑުގައި ހުރި ވަޅުގަނޑުތަކަށް ވެލި އަޅަނީ ސަރުކާރުގައި ތާރުއަޅާނެ ފައިސާ ނެތިގެން: ނިޒާރު

28 މޭ 2025 - 15:12 4

އަހުމަދު އާއިދު

އަހުމަދު އާއިދު

އައްޑޫ ލިންކްރޯޑުގައި ހުރި ވަޅުގަނޑުތަކަށް: އެ މަގަށް ވެލި އަޅަނީ ސަރުކާރުގައި ތާރުއަޅާނެ ފައިސާ ނެތިގެން ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ ---- ފޮޓޯ: ލޯކަލް ގަވަމަންޓު މިނިސްޓްރީ


އައްޑޫ ލިންކްރޯޑުގައި ހުރި ވަޅުގަނޑުތަކަށް ވެލި އަޅަނީ ސަރުކާރުގައި ތާރުއަޅާނެ ފައިސާ ނެތިގެން: ނިޒާރު

28 މޭ 2025 - 15:12 4

އައްޑޫ ސިޓީ ލިންކްރޯޑުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ވެލި އަޅަމުންދަނީ އެތަންތަނުގައި ތާރުއަޅާ މަގު ހެދޭނެ ވަރަށް ސަރުކާރުގައި ފައިސާ ނެތިގެން ކަމަށް އައްޑޫ ސިޓީގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

މަގުގައި ހުރި ވަޅުގަނޑުތަކަށް ދޮންވެލި އަޅަމުންދާކަން އެނގުނީ، އެ މަސައްކަތް ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު، ޕަބްލިކް ވޯކްސް އިން އެކްސްގައި ޕޯސްޓުކުރުމާ ގުޅިގެންނެވެ.

އެ މިނިސްޓްރީން ކުރި ޕޯސްޓުގައި ބުނެފައިވަނީ އެ މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީ ހިތަދޫ ޕަބްލިކް ވޯކްސް ޔުނިޓުން ކަމަށެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން، ނިޒާރު ވިދާޅުވީ މަގުތައް އޮތީ ހަލާކުވެފައި ކަމަށާއި ދޮންވެލި ފިޔަވައި އެ ތަންތަނަށް އަޅާނެ އެއްޗެއް ނެތް ކަމަށެވެ. ތާރު އެޅުމަށް ބޭނުންވާތީ، ސިޓީ ކައުންސިލުން މިހާރު ވާނީ ތާރު ހޯދުމަށް އިއުލާނުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަކު ތާރެއް ނެތް. މިނިސްޓްރީއަކު ލާރިއެއް ނެތް. އަޅުގަނޑުމެން ވާނީ 50 ފީފާ ތާރު ހޯދަން އިއުލާނުކޮށްފަ. ލިބުނީމަ ދެން އަޅުގަނޑުމެން ތާރު އަޅާނަން،" ނިޒާރު ވިދާޅުވި އެވެ.

ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ނިޒާރު ވިދާޅުވީ މަގުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ތާރު އެޅުމަށް އެދުމުން އެކަމަށް ފައިސާ ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ލިންކްރޯޑަކީ އެތައް އަހަރެއް ވެފައިވާ މަގެކެވެ. އެތަނުގައި ގިނަ ވަޅުގަނޑުތަކެއް ހެދި ބޭނުންކުރާ ދަތިވެފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އާންމުކޮށް ތާރު އަޅާފައި ހުންނަ މަގުތަކުގައި ވަޅުގަނޑު ހެދުމުން އެތަންތަން މަރާމާތުކުރަނީ ގައު ނޫނީ ތާރު އަޅައިގެންނެވެ. އެގޮތުން، މާލޭ ބޭރު މަގުގައި ހެދޭ ވަޅުގަނޑުތައް މި ފަހުން ހެދީ ގައު އަޅައިގެންނެވެ.