Advertisement

މަސައްކަތް ހަވާލުކުރިތާ 468 ދުވަސް؛ ހިޔާގެ 16 ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ލިފްޓުތައް ބޭނުންކުރަން ފަށައިފި

28 މޭ 2025 - 12:45 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ހިޔާ ޓަވަރެއްގައި އިތުރަށް ބަހައްޓާ ލިފްޓުތަކުގެ ދަގަނޑު ސްޓްރަކްޗާގެ މަސައްކަތް ކުރިއަށް ގެންދަނީ: ބޭނުންކުރަން ފެށީ ދެވަނަ ޓަވަރުގައި ހަރުކުރި ލިފްޓުތައް --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަސައްކަތް ހަވާލުކުރިތާ 468 ދުވަސް؛ ހިޔާގެ 16 ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ލިފްޓުތައް ބޭނުންކުރަން ފަށައިފި

28 މޭ 2025 - 12:45 2

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކުރިތާ 468 ދުވަސް ފަހުން އެއް ޓަވަރުގައި ހަރުކުރި ލިފްޓުތައް ބޭނުންކުރަން ފަށައިފި އެވެ.

އަދަދު ނޫހާ ވާހަކަދެއްކި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނު (އެޗްޑީސީ) ގެ އޮފިޝަލަކު ވިދާޅުވީ ބޭނުންކުރަން ފެށީ ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި ލިފްޓުތައް ކަމަށެވެ. އެ ލިފްޓުތައް ބޭނުންކުރަން ފެށީ އާދިއްތަ ދުވަހު އެވެ.

މީގެ އިތުރަށް ވެސް ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ޓެސްޓު ކުރުމަށްފަހު ބޭނުންކުރަން ފެށޭނެ ތާރީހެއް އެޗްޑީސީއަކަށް ނޭނގެ އެވެ. ހިޔާ ފްލެޓުތަކަށް އިތުރުކުރާ ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓެރަޗަރު އުފުލޭ ވަރުގެ ލިފްޓަކާއި މީހުން އުފުލާ ލިފްޓެކެވެ.

ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަން ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލު ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 12، ގަ އެވެ. އޭރު އެއްބަސްވީ މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މި އަހަރުގެ ޖެނުއަރީ 30، އެވެ.

ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ މިދިޔަ އޭޕްރިލް 15، އެވެ.

އެ މުއްދަތަށް ލިފްޓުތައް ބަހައްޓައި ނުނިންމުމުން، މިދިޔަ މަހުގެ 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، މި އަހަރުގެ ނޮވެމްބަރުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ނަމަވެސް، ހިޔާގެ ބައެއް ޓަވަރުތަކުގައި އިތުރަށް ލިފްޓު ބެހެއްޓުމަށް ބޭނުންވާ ސްޓްރަކްޗާތައް ހަރުކުރަން ފަށާފައެއް ނުވެ އެވެ. ދަގަނޑު ސްޓްރަކްޗާތައް ޓަވަރުތަކުގެ ބޭރުގައި ބަހައްޓާފައި ހުންނަތާ ގިނަ ދުވަަސްވެ ބައެއް ދަގަނޑުތަކުގައި ވަނީ ދަބަރު ޖަހާފަ އެވެ.

މި މަސައްކަތް ހަވާލުކުރީ 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އޮތީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ވަނީ ކުޑަކޮށްފަ އެވެ. ބާކީ ފައިސާ ހޯދާނީ ކިހިނެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.