Advertisement

ނައުޝާދު މަރާލުން: ފައިހުގެ ދިފާއީ ހެކިން ބަލައިގަންނަން ނިންމައިފި

28 މޭ 2025 - 12:35 1

ނައުޝާދު މަރާލުމުގެ ތުހުމަތުކުރެވޭ ސިރުހާން އާއި ފައިހު: ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައި --- ފޮޓޯ: ކްރިމިނަލް ކޯޓު


ނައުޝާދު މަރާލުން: ފައިހުގެ ދިފާއީ ހެކިން ބަލައިގަންނަން ނިންމައިފި

28 މޭ 2025 - 12:35 1

މާލޭ ފިހާރައެއްގެ ތެރޭގައި ވަޅިން ހަމަލާދީ އަހުމަދު މުހައްމަދު ދީދީ (ނައުޝާދު) މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ އިބްރާހީމް ފައިހު ނިޒާމުގެ ދިފާއުގައި ހުށަހަޅާފައިވާ ހަތަރު ހެއްކެއްގެ ހެކި ބަސް ނަގަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މި ގޮތަށް ނިންމީ، ފައިހުގެ ދިފާއުގައި ހުށަހަޅާފައި ހުރި ހެކިތައް ބަލައިނުގަންނަން ދައުލަތުގެ ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމަމުންނެވެ.

ފައިހުގެ ދިފާއީ ހެކިންނަކީ ކުށުގެ އަމަލު ހިނގި ތަނުގައި އޭނާ ނެތް ކަން ސާބިތުކޮށްދޭން ހުށަހަޅާފައިވާ ހެކިންތަކެވެ. އޭނާ ވަނީ ދިފާއީ ހެކިންގެ ގޮތުގައި ފަސް މީހެއްގެ ނަން ހުށަހަޅާފަ އެވެ. މި ފަސް މީހުންގެ ތެރެއިން އެކެއްގެ ހެކި ބަސް ނުނަގަން ކޯޓުން ނިންމީ، އޭނާގެ ނަން ފިޔަވައި އިތުރު މައުލޫމާތެއް ކޯޓަށް ހުށަހަޅާފައި ނެތުމުންނެވެ.

މި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވީ، މި މައްސަލައިގެ އިތުރު އަޑުއެހުމެއް 15 ދުވަސް ފަހުން ބާއްވަވާނެ ކަމަށެވެ. އަދި ގަސްތުކުރައްވަނީ ޝަރީއަތް ފަށާ ގޮތަށް މެދުކެނޑުމެއް ނެތި ޝަރީއަތް ކުރިއަށް ގެންގޮސް ނިންމާލަން ކަމަށް ގާޒީ ވިދާޅުވި އެވެ.

ނައުޝާދު މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރަނީ ފައިހު އާއި ސިރުހާން އަލީގެ މައްޗަށެވެ. މި ދެ މީހުން ވެސް ވަނީ މި ދައުވާއަށް އިންކާރުކޮށްފަ އެވެ.

ކްރާސާ ފިހާރަ ތެރޭގައި ނައުޝާދަށް ވަޅިން ހަމަލާ ދިނީ ފެބްރުއަރީ 24، 2023، ވަނަ ދުވަހު 9:30 ހާއިރެވެ. އޭނާ މަރުވީ، ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް، އޭގެ ތިން ދުވަސް ފަހުންނެވެ.

މި މައްސަލައިގައި ފައިހު ހައްޔަރުކުރީ މަހަކަށް ވުރެ ގިނަ ދުވަހު ފިލައިގެން އުޅުމަށް ފަހު، އޭނާ އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވުމުންނެވެ. ފައިހު ފޮރުވައިގެން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދެ މީހެއްގެ ދައުވާކުރި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ނައުޝާދު މަރާލީ އެ ދުވަސްވަރު މާލޭގެ ދެ ގޭންގެއްގެ މެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން، ބަދަލު ހިފުމުގެ ގޮތުންނެވެ.