Advertisement

އީދު ބަންދަށް މިފަހަރު އިތުރު ދުވަހެއް ނުދީ ކަލަންޑަރާ އެއްގޮތަށް އަންގާރަ ދުވަހު އޮފީސްތައް ހުޅުވަނީ

28 މޭ 2025 - 11:22 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސަރުކާރުން ނިންމާފައިވަނީ އީދާއި ގުޅިގެން އިތުރު އެއްވެސް ދުވަހެއް ބަންދުނުކުރާން --- ފޮޓޯ: ރައީސް އޮފީސް


އީދު ބަންދަށް މިފަހަރު އިތުރު ދުވަހެއް ނުދީ ކަލަންޑަރާ އެއްގޮތަށް އަންގާރަ ދުވަހު އޮފީސްތައް ހުޅުވަނީ

28 މޭ 2025 - 11:22 1

މި އަހަރުގެ އަޟްހާ އީދާ ގުޅިގެން ކަލަންޑަރުގައި ބަންދުކުރަން ނިންމާފައިވާ ދުވަސްތަކުގެ އިތުރުން އެއްވެސް ދުވަހެއް ބަންދު ނުކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަހަކީ ޖޫން 5، ކަމަށް ސައުދީން ނިންމާފައިވާތީ މިހާރު ވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ފިޔަވައި އިތުރު ދުވަހެއް ބަންދު ނުކުރަން ނިންމާފައިވާ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން އީދާ ގުޅިގެން ބަންދު ވާނީ ޖޫން 8، އަދި ޖޫން 9، ވާ އާދިއްތަ އަދި ޖެހިގެން އަންނަ ހޯމަ ދުވަހެވެ. ބަންދު އިތުރުކުރަން އެ ހަފުތާ އެއްކޮށް ބަންދުކުރާނެ ކަމަށް މީގެ ކުރިން ބެލެވުނެވެ.

އެގޮތަށް ބެލެވުނީ މިދިޔަ ސަރުކާރާއި މި ސަރުކާރުން ވެސް އީދު ދުވަސްތަކާ ގުޅުވައި، ކުރިން ކަނޑައަޅާފައި ނުވާ ދުވަސްތައް ބަންދުކޮށްފައިވާތީ އެވެ.

މިދިޔަ އަހަރުގެ އަޟްހާ އީދު ޖޫން 16، 2024، އަށް އަވަސްވުމާ ގުޅިގެން އީދު ބަންދު ދިގުކުރުމަށް ޖެހިގެން އައި ބުރާސްފަތި ދުވަސް ބަންދުކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު އަލުން ހުޅުވީ ޖެހިގެން އައި އާދިއްތަ ދުވަހެވެ.

އީދުތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކާ ގުޅިގެން ވެސް ސަރުކާރު ބަންދުކޮށްފައި އެބަހުއްޓެވެ. މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހާ ގުޅިގެން ނޮވެމްބަރު 10، 2024، ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.

މީގެ އިތުރުން، އާ އަހަރާ ގުޅިގެން މި އަހަރުގެ ޖެނުއަރީ 2، ސަރުކާރުން ބަންދުކުރި އެވެ. މިދިޔަ އަހަރުގެ ގައުމީ ދުވަހާ ޖެހިގެން އޮތް ދުވަސް ވެސް ސަރުކާރުން ބަންދުކުރި އެވެ.

މި ދުވަސްތައް ބަންދުކުރީ ހަފުތާ ބަންދުތަކާ ދިމާކޮށް ސަރުކާރުގެ މުވައްޒަފުންނަށް ލިބޭ ޗުއްޓީ ދިގުކުރުމަށް ސަރުކާރުން ނިންމާ ނިންމުން ތަކެކެވެ. މިފަހަރު އެއާ ހިލާފަށް އީދު ބަންދު ދިގުނުކުރާން ނިންމި ސަބަބެއް ސަރުކާރުން ނުބުނެ އެވެ.