28 މޭ 2025 - 10:13 0
އަމަން ހަލީމް
ސުޕްރީމް ކޯޓަށް އައްޔަނުކުރަން ލަފާދޭ ލިސްޓުގައި ހިމެނޭ ފަނޑިޔާރު މުހައްމަދު ސަލީމް: ސަލީމްއަކީ ހައި ކޯޓުގެ ފަނޑިޔާރަކަށް ވަޑައިގެންނެވުމުގެ ކުރިން 12 އަހަރު ވަންދެން އެ ކޯޓުގެ ލީގަލް އޮފިސަރު --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
28 މޭ 2025 - 10:13 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ އެއް ބޭފުޅަކީ، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ. ސަލީމަކީ ޖޭއެސްސީން ހެދި އިވެލުއޭޝަނުގައި އެންމެ މަތިން މާކްސް ހޯއްދަވައިގެން، ސުޕްރީމް ކޯޓަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ލިސްޓުން އެންމެ ކުރި ހޯއްދެވި ބޭފުޅާ އެވެ.
އިވެލުއޭޝަނުން ކުރި ހޯއްދެވި ނަމަވެސް، ސުޕްރީމް ކޯޓަށް އައްޔަނުކުރަން ސަލީމްގެ ޝަރުތު ހަމަވޭތޯ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި، މެންބަރުންގެ މެދުގައި ކޮންމެ ވެސް ވަރަކަށް ބަހުސް ކުރެވުނެވެ. މި ބަހުސް ހިނގައިދިޔައީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާގެ (ނ) ގައި، ފަނޑިޔާރެއްގެ ހުންނަން ޖެހޭ ކަމަށް ބުނާ ޝަރުތުތައް އޭނާގެ ކިބައިގައި ނެތް ކަމަށް ބައެއް މެންބަރުން ދެކޭތީ އެވެ.
ގާނޫނުއަސާސީގެ މި މާއްދާގައި އޮންނަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށެވެ. ސުވާލު އުފައްދަނީ ސަލީމްގެ މި ޝަރުތު ހަމަވޭތޯ އެވެ.
މިކަމާ ގުޅިގެން އަދަދު އިން ވާހަކަ ދެއްކި ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، ސަލީމުގެ އެ ޝަރުތު ހަމަވެ އެވެ. ސަބަބަކީ އޭނާ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމުގެ ކުރިން 12 އަހަރު ވަންދެން އެ ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި އޭނާ ހުންނެވުމެވެ. މިއީ ގާނޫނުއަސާސީގައި ބަޔާންކުރާ ވަކީލުކަން ކުރުމުގެ ޝަރުތު ހަމަވުން ކަމަަށް، އޭނާ ގަބޫލުކުރައްވަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރާ މީހަކީ، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. ސަލީމްއަކީ ހައި ކޯޓުގެ ފަނޑިޔާރެކެވެ. އޭނާ ހައި ކޯޓަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ ހައި ކޯޓުގެ ލީގަލް އޮފިސަރަކަށެވެ. އޭރު ހައި ކޯޓަށް އޭނާ އައްޔަނުކުރަން ނިންމީ ހައި ކޯޓުގެ ލީގަލް އޮފިސަރުކަން ކުރުމަކީ އެ ޝަރުތު ފުރިހަމަވުން ކަމަށް ބަލައިގެންނެވެ. މިއީވެސް ސަލީމްގެ ޝަރުތު ހަމަވާކަމާމެދު ސުވާލު އުފައްދަން ޖާގަ ނުލިބޭ ސަބަބެއް ކަމަށް 'އަދަދު' ނޫހާ ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.
ސަލީމްގެ ޝަރުތު ހަމަވާ ކަމަށް ޖޭއެސްސީން ނިންމީ ވެސް ގާނޫނީ ވަކީލުކަމުގެ ހުއްދަ އޭނާއަށް ލިބިފައިވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީ، ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވީކަމަށް ބަލައިގެންނެވެ. ލީގަލް އޮފިސަރަކަށް ވެވޭނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ އޮވެގެން ކަމުގައިވާތީ، ހައި ކޯޓުގައި ސަލީމް ހުރި މުއްދަތުގައި މި ޝަރުތު ފުރިހަމަވެ އެވެ.
Comment