28 މޭ 2025 - 07:53 0
އަތޫފް އާތިފް
28 މޭ 2025 - 07:53 0
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވާދަކުރާ ކޮންމެ މުބާރާތަކަށް ވެސް ނުކުންނާނީ ތަށި ހޯދުމުގެ ޓާގެޓްގައި ކަމަށް އެ ޓީމުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ) ބުނެފި އެވެ.
މިރޭ އެފްއޭއެމް ލީގު ކަޕްގެ ފައިނަލުން މާޒިޔާ ޖާގަ ހޯދީ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.
ލީގު ކަޕުގެ ސެމީ އިން މާޒިޔާ ޖާގަ ހޯދީ ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މާޒިޔާ އިން މިހާތަނަށް މުބާރާތުގައި އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، ލީގު ބުރުގައި، އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. ފައިނަލުގައި ވެސް މާޒިޔާ ނުކުންނާނީ އޮޑިއާ ދެކޮޅަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަމުއްޓެ ވާހަކަ ދައްކަނީ.---
ފައިނަލުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސަމުއްޓޭ ބުނީ މާޒިޔާ އިން ކޮންމެ މުބާރާތަކަށްވެސް ނުކުންނަނީ ތައްޓަށް ޓާގެޓްކޮށްގެން ކަމަށެވެ. އަދި މި މުބާރާތުގެ ފައިނަލަށް މުޅި ޓީމުވެސް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ސަމުއްޓޭ ބުންޏެވެ.
ސަމުއްޓޭ ބުނީ މުބާރާތުގެ ލީގު ބުރުގައި ބައެއް މެޗުތަކުގައި މާޒިޔާގެ ބައެއް ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ޕާފޯމް ނުކުރެވުންކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު ފައިނަލް ކާމިޔާބުކުރަން މުޅި ޓީމު އޮތީ ތައްޔާރަށް ކަމަށް ސަމުއްޓޭ ބުންޏެވެ.
"އެއްބައި މެޗުތަކުގައި އަސްލު ޕާފޯމް ކުރަން ޖެހޭ ވަރަށް އަސްލު ގިނަ ޕްލޭޔަރުންނަށް ޕާފޯމްނުކުރެވުނީ. ދެން އެކިކަހަލަ ސަބަބުތަކާ ހުރެ. ދެން އެކަމަކު އިރާދަކުރެއްވިއްޔާ ފައިނަލް މެޗުގައި ހުރިހާ ކުޅުންތެރިން ވެސް ނުކުންނާނީ ހަމަ މި މެޗު ކާމިޔާބުކުރަން ކުރަން ހުރި ހުރިހާ ކަމެއް ކުރަން" ސަމުއްޓޭ ބުންޏެވެ.
ސަމުއްޓޭ ބުނީ މި މެޗަށް ނުކުންނައިރު، މާޒިޔާ އިން އޮޑިއަށް ދޭން ޖެހޭ އިހުތިރާމް ދޭނެ ކަމަށާއި، އޮޑިއަކީ މި މުބާރާތުގައި ކުޅޭ އެންމެ ވަރުގަދަ އެއް ޓީމު ކަމަށެވެ.
އޮޑި އާއި މާޒިޔާ ކުޅޭ ލީގު ކަޕް ފައިނަލް މެޗު ފަށާނީ މިރޭ 21:00 ގަ އެވެ.
Comment