Advertisement

އޮޑީގެ ވިސްނުން މާޒިޔާ އަށް ވުރެން އަމިއްލަ ޓީމުގެ އިތުބާރަށް

28 މޭ 2025 - 07:58 0

އަތޫފް އާތިފް

އަތޫފް އާތިފް


އޮޑީގެ ވިސްނުން މާޒިޔާ އަށް ވުރެން އަމިއްލަ ޓީމުގެ އިތުބާރަށް

28 މޭ 2025 - 07:58 0

އެފްއޭއެމް ލީގު ކަޕުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބުން މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނަނީ އެއީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ކްލަބްކަން ދަނެގެން ހުރިހާ ގޮތަކުން ވެސް ތައްޔާރުވެގެން ކަމަށް އޮޑީގެ ތަޖުރިބާކާރު ކުޅުންތެރިޔާ ހުސެއިން ނިހާން (ނިހާޓް) ބުނެފި އެވެ.

ލީގު ކަޕުގެ ފައިނަލުން އޮޑިން ޖާގަ ހޯދީ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކުރިހޯދައިގެންނެވެ.

އޮޑި އާއި މާޒިޔާ މި މުބާރާތުގައި މީގެ ކުރިން ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗަށް ނުކުންނައިރު، އޮޑިން އޮތީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ކުރިން މާޒިޔާ އަށް ގިނަ އަހަރުތަކެއް ކުޅެދިން ނިހާން ވަނީ ބުނެފަ އެވެ.

ނިހާން ބުނީ މާޒިޔާގައި ތިބި ކުޅުންތެރިންނަށް ބެލިޔަސް އެއީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށެވެ. އެކަމަކު، އޮޑިން މި މެޗަށް ތައްޔާރުވާނީ އެ ކުޅުންތެރިންގެ ކޮލެޓީ އެނގިގެން ކަމަށް އޭނާ ފާހަގަކުރި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިހާން ވާހަަކަ ދައްކަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


"މާޒިޔާގައި ތިބި އެކްސްޕީރިއަންސް ކުޅުންތެރިންނަށް ބަލާއިރު، ދިވެހި ރާއްޖޭގެ ފުޓުބޯޅައިގައި މިހާރު ސީނިއާ ފުޓުބޯޅަ ޓީމުގައިވެސް ތިބި މިހާރު އެންމެ ރަނގަޅު ކުޅުންތެރިން ތިބީ މާޒިޔާގައި. އަޅުގަނޑުމެން އެކަމަކު މި މެޗަށް ނުކުންނައިރު، މާޒިޔާ ޕްލޭޔަރުންގެ ކޮލެޓީއާ ހުރިހާ އެއްޗެއް އެނގި އަހަރެމެން ހަމަ ރެޑީވެގެން މިދަނީ އިރާދަކުރެއްވިއްޔާ މި މެޗު ނަގަން" ނިހާން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެމުން އަންނަ ނިހާން ބުނީ މި މެޗަށް އޮޑިން ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މުހައްމަދު ރަޝީދު (ހޮކޭ) މި މުބާރާތުގައި ދައްކަމުން އަންނަ މޮޅު ކުޅުން ކަމަށެވެ.

"މިހާރު އުމުރުން 40 އަހަރު ކަންނޭނގެ ހޮކޭ އަށް. ތަފާތު މޮޅު ކުޅުމެއް އެ ދައްކަނީ. އަނެއްކާ އިންޖަރީގައި ހުރެ ކުޅެމުން އެ އަންނަނީ. އެހެންވެ، އަހަރުން އޮޑި ސްޕޯޓްސް ކްލަބްގައި ހޮކޭ ހުރެ، މާޒިޔާއާއެކު މި ލިބޭ ފައިނަލް މެޗު ކުޅެން ލިބުމަކީ އަހަރުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އެ ވެދާނެ މާޒިޔާ އަށް ވަރަށް އުނދަގޫ ކަމަކަށްވެސް، މާޒިޔާ އިން ހާއްސަ ސަމާލުކަމެއް ހޮކޭ އަށް ދޭނެ ކަމަކަށްވެސް، އެކަމަކު އަހަރުން އިރާދަކުރެއްވިއްޔާ ހޮކޭއާއެކު މިތިބީ މި މެޗު ނަގަން" ނިހާން ބުންޏެވެ.

އޭނާ ދެކޭ ގޮތުގައި މި މުބާރާތް އޮޑިއަށް ކާމިޔާބުކުރެވުން ވާނީ އެ ޓީމު ލީގަށް ނުކުންނައިރު ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރަކަށެވެ. އަދި އިތުރު ކުޅުންތެރިން ހޯދައި ލީގަށް ރެޑީވުމަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމަކަށް ވެސް ނިހާޓް ބުންޏެވެ.

އޮޑިއާ މާޒިޔާ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މިރޭ 21:00 ގަ އެވެ.