28 މޭ 2025 - 07:40 0
28 މޭ 2025 - 07:40 0
މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މެއި 28) - އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ގުޅިގެން އުރުގުއޭގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބެއްގެ މަސައްކަތް ފަށައިފި އެވެ.
އުރުގުއޭ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ސުއަރޭޒް އާއި އޭނާގެ އެކުވެރިޔާ، މެސީ، އެކުގައި ގުޅިގެން ވުޖޫދުކުރި، ޑިޕޯޓިވޯ އެލްއެސް ކްލަބް ވާދަކުރާނީ އުރުގުއޭގެ ހަތަރު ވަނަ ޑިވިޝަނުގަ އެވެ.
ސުއަރޭޒް ބުނީ، ފުޓްބޯޅަ ކެރިއަރުގެ ފަހު އަހަރުތައް މިހާރު ގުނަމުން އަންނައިރު، އޭނާގެ އެންމެ އިސް އަމާޒަކަށް ވެފައި އޮތީ ފުޓްބޯޅައިގައި ދެމިހުރެވޭނެ މަސައްކަތްތައް ކުރުން ކަމަށެވެ. އެ ގޮތުން، ބަލާއިރު ޑިޕޯޓިވޯ އެލްއެސްގެ މަސައްކަތަކީ ވަރަށް އުންމީދީ ޕްރޮޖެކްޓެއް ކަމަށް ސުއަރޭޒް ވަނީ ބުނެފަ އެވެ.
"ޑިޕޯޓިވޯ އެލްއެސް އަކީ 2018 ވަނަ އަހަރުން ފެށިގެން އަހަރެންގެ އާއިލާއެއްގެ ގޮތުގައި އޮތް ކަމެއް. މަޑުމަޑުން ކުރިއަރަމުން މިހާރު 3000 އަށް ވުރެން މެމްބަރުން ގިނަވެއްޖެ. އުރުގުއޭ ފުޓްބޯޅަ އަށް ހިދުމަތެއް ކޮށްދޭން، އަހަރެން އުފަންވި ސަރަހައްދުގެ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދޭން އަހަރެން ބޭނުން، މިއީ އެކަމުގެ ފެށުމެއް،" މިދިޔަ ސެޕްޓެމްބަރު މަހު އުރުގުއޭ ގައުމީ ޓީމުން ރިޓަޔާކުރި ސުއަރޭޒް ބުންޏެވެ.
މެސީއާ އެކު، ބާސެލޯނާގައި ހަ ސީޒަން ހޭދަކުރި ސުއަރޭޒް، 38، މީގެ ދެ އަހަރު ކުރިން، އިންޓަ މިއާމީ އަށް ދިޔައީ ވެސް މެސީގެ އެދުމަށެވެ. މެސީ ބުނީ، ފުޓްބޯޅައިގެ ހިދުމަތުގައި އޭނާގެ ގާތް މީހުން ކުރާ ކޮންމެ ކަމެއްގައި އޭނާ އަށް ބައިވެރިވިވޭ ކޮންމެ ލެވަލެއްގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، މެސީ އާއި ސުއަރޭޒް ވަނީ، ޑިޕޯޓިވޯ އަށް ކުޑަ ސްޓޭޑިއަމަކާއި ޓްރެއިނިން ސެންޓަރު ފެސިލިޓީއެއްގެ މަސައްކަތް ފަށައިފަ އެވެ.
Comment