28 މޭ 2025 - 07:39 0
28 މޭ 2025 - 07:39 0
ލަކްނައު، އިންޑިއާ (މެއި 28) - ވަރުގަދަ ކުޅުމެއް ދައްކައި، ހަ ވިކެޓުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށް، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ގަދަ ދެ ޓީމު ވާދަކުރާ ކޮލިފަޔާ އިން ފުރުސަތު ހޯދައިފި އެވެ.
ރޭ ކުޅުނު މި މެޗުން މޮޅުވެގެން ނޫން ގޮތަކަށް އައިޕީއެލްގެ ގަދަ ދެ ޓީމުގެ ތެރެއިން ބެންގަލޫރަށް ފުރުސަަތެއް ނެތެވެ. ބެންގަލޫރަށް ޓޮސް ދިމާވުމުން، އެ ޓީމުން ހޮވަށް ނިންމިއިރު، ފުރަތަމަ ކުޅެން އަރައި، ލަކްނައު އިން ވަނީ އެ ޓީމުގެ ކެޕްޓަން، ރިޝަބް ޕާންޓް، ފާއިތުވި ހަތް އަހަރު ތެރޭ ހެދި ފުރަތަމަ ސައްތައާ އެކު، 20 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން، 227 ލަނޑު ހަދައިފަ އެވެ.
ބޮޑު ސްކޯއެއް އަނބުރާލަން ޖެހުމުން، ހާސްކަން ބޮޑުކޮށް، ބެންގަލޫރަށް ކުޅެން ޖެހުނެވެ. އެ ގޮތުން، އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި ކުޅެން އެރި، ބެންގަލޫރުގެ ވިރާތު ކޯލީ އާއި ފިލް ސޯލްޓަަށް މާ އެދެވޭ ސްކޯއެއް ނުހެދި ބެންގަލޫރަށް އުނދަގޫވާނެ ކަމަށް ބެލެވުނެވެ. އެ ގޮތުން، ސޯލްޓް، 19 ބޯޅައިން 30 ލަނޑަށް ނުބައިވިއިރު، ވިރާތު ނުބައިވީ 30 ބޯޅައިން 54 ލަނޑަށެވެ.
ބެންގަލޫރަށް މި މެޗު ކާމިޔާބުކޮށްދޭން އެންމެ މޮޅު ކުޅުމެއް ދެއްކީ، ޓީމުގެ ކެޕްޓަންކަން ކުރި، ޖިތޭޝް ޝަރުމާ އެވެ. އޭނާ ވަނީ ނުބައިނުވެ، 33 ބޯޅައިން 85 ލަނޑު ހަދައިފަ އެވެ. މިއީ، އައިޕީއެލްގައި ޖިތޭޝް އަށް މެޗެއްގައި ހެދުނު އެންމެ ރަނގަޅު ސްކޯ އެވެ. މީގެ ކުރިން މެޗެއްގައި އޭނާ އަށް 50 ލަނޑު (ހާފް ސެންޗަރީއެއް) ވެސް ހަމަކުރެވިފައިނުވެ އެވެ.
އަދި، ޖިތޭޝް އާއި މަޔަންކް އަގަރުވާލް ރަނގަޅު ޕާޓްނަޝިޕެއްގައި ނުބައިނުވެ ނިންމާލިއިރު، ޖިތޭޝް 23 ބޯޅައިން 41 ލަނޑު ހެދި އެވެ.
މެޗުގެ ތެރެއިން، ޖިތޭޝް (ކ) އާއި ޕާންޓް ސަލާމްކުރަނީ.
ލަކްނައުގެ އެކާނާ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި، ލަކްނައުގެ ޕާންޓް ވަނީ ނުބައިނުވެ، 61 ބޯޅައިން 118 ލަނޑު ހަދައިފަ އެވެ. އޭނާ އައިޕީއެލްގައި އެންމެ ފަހުން ސައްތަ އެއް ހެދީ 2018 ވަަނަ އަހަރު އެވެ. ލަކްނައުގެ މިޗެލް މާޝް ވަނީ މި މެޗުގައި، 37 ބޯޅައިން 67 ލަނޑު ހަދައިފަ އެވެ.
ބެންގަލޫރުން މި ފަހަރުގެ އައިޕީއެލްގައި ރަށުންބޭރުގައި ކުުޅުނު ހަތް މެޗުން ވެސް މޮޅުވިއިރު، މިއީ އައިޕީއެލްގެ 18 އަހަރުގެ ތާރީހުގައި، ޓީމެއް ޕްލޭއޮފަށް ދިޔައިރު، މި ރެކޯޑާ އެކު ދިޔަ ފުރަތަމަ ފަަހަރެެވެ. އަނެއްކޮޅުން، ލަކްނައު ކައިރިން ބެންގަލޫރުން ނަތީޖާ އަނބުރާލި ސްކޯ އަކީ ވެސް އެ ޓީމަށް އައިޕީއެލްގައި ރެކޯޑެކެވެ.
ޕްލޭއޮފް ފުރަތަމަ މެޗު، ކޮލިފަޔާގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ އެވެ. އެ މެޗުގައި، އެއް ވަނަ އަށް ދިޔަ ޕަންޖާބް ކިންގްސް އާއި ދެ ވަނަ ހޯދި، ބެންގަލޫރު ކުޅޭއިރު، މޮޅުވާ ޓީމެއް ފައިނަލަށް ދާނެ އެވެ. ކޮލިފަޔާ އެކަކުން، ބަލިވާ ޓީމެއް ކުޅެން ޖެހޭނީ ކޮލިފަޔާ ދޭއްގަ އެވެ. ކޮލިފަޔާ ދޭއްގައި ފައިނަލެއްގެ ޖާގަ އަކަށް ބައްދަލުކުރާނީ ކޮލިފަޔާ އެކަކުން ބަލިވި ޓީމާއި އެލިމިނޭޓާ އިން މޮޅުވި ޓީމަކާ އެވެ. ޕްލޭއޮފްގެ އެލިމިނޭޓާގައި ކުޅޭނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ އެވެ. އެއީ، މުމްބައި އިންޑިއަންސް އާއި ގުޖުރާތު ޓައިޓަންސް އެވެ.
ކޮލިފަޔާ އެކެއްގެ މެޗު އޮތީ ބުރާސްފަތި ދުވަހުގެރޭގަ އެވެ. އަދި، އެލިމިނޭޓާ މެޗު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment