ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް (ވ) އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދު: ޖޭއެސްސީގެ އިވެލުއޭޝަނުގައި އެންމެ މަތިން މާކްސް ލިބިވަޑައިގަތީ ވެސް މި ދެ ބޭފުޅުންނަށް --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީިމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްޔަނުކުރަން ލަފާދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓަށް ކުރިމަތިލެއްވީ 12 ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ވެސް މި ދެ ބޭފުޅުންނަށެވެ. މި މައްސަލައިގައި ގޮތެއް ނިންމަން މިއަދު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި ވަނީ އެންމެ މަތިން މާކްސް ލިބުނު ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ނިންމާފަ އެވެ.
ސުޕްރީމް ކޯޓަށް އައްޔަނުކުރާ ފަނޑިޔާރުންގެ ލިސްޓުގެ އެންމެ ކުރީގައި ހުންނެވި ފަނޑިޔާރު މުހައްމަދު ސަލީމް ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ އޯގަސްޓު 9، 2022 ގަ އެވެ. އޭގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައި 12 އަހަރު އޭނާ ހޭދަކުރެއްވި އެވެ.
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުالله ހަމީދަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އޭރުގެ ފަނޑިޔާރުންނަށް ދިން ފުލެޓުތައް ގަބޫލު ކުރެއްވި މައްސަލަ ޖޭއެސްސީން ތަހުގީގުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ޖޫން 6، 2022 ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނު ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑި ހުސްވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އެ މަގާމުން ވަކިކުރުމުންނެވެ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރީ، އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކުރަން ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނި މައްސަލައެއް ސާބިތުވާ ކަަމަށް ޖޭއެސްސީން ނިންމުމުން، ރައްޔިތުންގެ މަޖިލީހުންނެވެ.
މި މައްސަލަ ސާބިތުވާ ކަމަށް ނިންމި ނަމަވެސް، އދ. ގެ ޖަމިއްޔާތަކުންނާއި އަވައްޓެރި ގައުމުގެ ބާ އެސޯސިއޭޝަންތަކުން ވަނީ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގާ މެދު ސުވާލުއުފައްދާ، ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ސިފަކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް އައްޔަނުކުރާ ދެ ފަނޑިޔާރުން އެކީ، މި ސަރުކާރުގެ ރިޔާސީ ދައުރުގެ ތެރޭގައި އެ ކޯޓަށް އައްޔަނުކުރި ފަނޑިޔާރުންގެ އަދަދު ތިނަކަށް އަރާނެ އެވެ. އަދި ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާން ހުށަހަޅުއްވާފައިވާ، ރިޓަޔާކުރަން ފުރުސަތު ދީފި ނަމަ، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ މެޖޯރިޓީ ލިބޭނީ މި ސަރުކާރުން އައްޔަނުކުރި ފަނޑީޔާރުންނަށެވެ.
Comment